23 Jul 2011, 09:27
އދ. މަޖިލިސް (22 ޖުލައި) : ސޮމާލިޔާގެ ދެކުނުގެ ސަރަޙައްދުތަކަށް ކުރިމަތިވެފައިވާ ހައިހޫނުކަން ކުޑަކުރުމަށްޓަކައި ކުރިޔަށްއޮތް ހައެއްކަ ދުވަހުގެ ތެރޭގައި ވައިގެ ބްރިޖަކުން އެޤައުމަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ރޭވެމުންދާ ކަމަށް އދ. ން ބުނެފިއެވެ.
އދ. ން ކުރިޔަށްގެންދާ ވޯލްޑް ފުޑް ޕްރޮގްރާމްގެ އެގްޒެކެޓިވް ޑައިރެކްޓަރ ޖުޒެތް ޝިރަން ވިދާޅުވި ގޮތުގައި ވައިގެ ބްރިޖަކުން ސޮމާލިޔާގެ ވެރިރަށް މުޤަދީޝޫއަށް ކާބޯތަކެތި ގެންދިޔުމަށްޓަކައި ކާގޯ މަތިންދާބޯޓުގެ އެތަށް ބޯޓެއް އެއްފަހަރާ ބޭނުންކުރުމަށް އދ. ން ގެންދަނީ ތައްޔާރުވަމުންނެވެ. ކާބޯތަކެތީގެ ފުރަތަމަ ޝިޕްމަންޓްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހައިހޫނުކަން ތަޙައްމަލްކުރަމުންގެންދާ ކުޑަކުދިންނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސޮމާލިޔާގެ ވެރިރަށް މުޤަދީޝޫގެ އެއްފަޅި ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާއިރު އަނެއްފަޅިވަނީ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ސޮމާލިޔަން ޔޫތް މޫމެންޓް ގެ ކޮންޓްރޯލްގެ ދަށުގައެވެ. އެޖަމާއަތުންވަނީ އެޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަޙައްދުތަކަށް ފޯރުކޮށްދޭންޖެހޭ ކާބޯތަކެތި އެޖަމާއަތާ ޙަވަލާކުރުމަށް އދ. އަށް ގޮވާލާފައެވެ.
އެޖަމާޢަތުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކަށްވަދެ އިންސާނީއެހީ ފޯރުކޮށްދިނުމަށް ޙަރަކާތްތެރިވުމުގެ ފުރްސަތު ބޭރުގެ ފަރާތަކަށް ނުދޭނެ ކަމަށްވެސް ސޮމާލިޔަން ޔޫތް މޫމެންޓުން ބުނެއެވެ. މީގެއިތުރުން ހައިހޫނު ކަމުގެ މައްސަލަ ސިޔާސީ ބޭނުންތަކެއްގައި އދ. ން މާބޮޑުކޮށްލައިގެން އުޅޭ ކަމަށްވެސް އެޖަމާޢަތުން ތުހުމަތު ކުރެއެވެ.
ސޮމާލިޔާގެ ދެކުނުގެ ސަރަޙައްދު ތަކަށް ކުރިމަތިވެފައިވާ ހައިހޫނުކަން ނިމުމަކަށް ގެނައުމަށް 8.1 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވަނީ ވިދާޅުވެފައެވެ. ނިޔުޔޯކްގައި ވާހަކަ ދައްކަވަމުން ބާންކީ މޫންވިދާޅުވީ ސޮމާލިޔާއަށް ކުރިމަތިވެފައިވަނީ ބިރުވެރި ހައިހޫނުކަމެއް ކަމަށާ އެޤައުމުގެ ދެކުނުގައި ކޮންމެ ދުވަހަކު ހައިހޫނުކަމުގައި މީހުން މަރުވަމުންދާ ކަމުގައެވެ. އިންސާނީއެހީ ލިބުން ލަސްވެއްޖެނަމަ އެތަށް ހާސްބަޔަކު ހައިހޫނުކަމުގެ ވޭނުގައި މަރުވެގެންދާނެ ކަމުގެ ބިރުއެބައޮތްކަމަށްވެސް ބާންކީ މޫން ވިދާޅުވިއެވެ.
ސޮމާލިޔާގެ ދެކުނުގައި ޙަރަކާތްތެރިވާ ބޭރުގެ ޖަމާއަތްތައް ބުނާގޮތުން ކޮންމެ 10 ހާސް މީހެއްގެ ތެރެއިން ތިންމީހުން ކޮންމެ ދުވަހަކު ހައިހޫނުކަމުގައި މަރުވަމުންދެއެވެ. ސޮމާލިޔާއަށް ހައިހޫނުކަން ކުރިމަތިވެފައިވަނީ ވާރޭނުވެހި ހަނަފަސް ވުމާއެކު ދަނޑުތައް ހަލާކުވުމުންނާއި އަހްލީ ހަނގުރާމައިގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ)