11 Aug 2017, 19:50
އުރީދޫ ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރާއްޖޭގެ އުތުރަށް ނިސްބަތްވާ ށ. މިލަންދޫ އާއި އއ. މާޅޮސް ވާދަކުރި އިރު އެ މެޗު ހަމަހަމަ ނަތީޖާއަކުން ނިމިއްޖެއެވެ.
މިއަދު ހަވީރު ގައުމީ ދަނޑުގައި ކުޅުނު އެމެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ޖުމްލަ ހަތަރު ގޯލް ފެނިގެންދިޔައިރު އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ މާޅޮހުންނެވެ. އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 28 ވަނަ މިނިޓްގައި މާޅޮހުގެ ޖާޒީ ނަންބަރު 28 މުނޯޒްއެވެ.
ދެވަނަ ލަނޑުވެސް ކާމިޔާބުކުރީ މާޅޮހުންނެވެ. އެ ލަނޑު ދެވަނަ ހާފުގެ 69 ވަނަ މިނިޓްގައި ކާމިޔާބުކުރީ އިބްރާހިމް ނާއިފް އެވެ.
ދެވަނަ ހާފު ނިމެން އުޅެނެިކޮށް މެޗުގެ 86 ވަނަ މިނިޓްގައި މިލަންދޫ އިން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމްއެވެ.
މެޗުގެ އިތުރު ވަގުތުގުގައި މޮޅަކަށް މާޅޮސް ކުރަމުންއައި އިންތިޒާރަށް ނިމުން ގެނުވީ މިލަންދޫގެ ފުރަތަމަ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިން އިޝާންއެވެ. އޭނާ މިލަންދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނިޓްގައެވެ.
މީގެ ކުރިން މިދެ ޓީމް މެޗެއް ކުޅެފައިވާއިރު މާޅޮސް ވަނީ ތިނަދޫ އަތުން ބަލިވެފައެވެ. އަދި މިލަންދޫވެސް ވަނީ ގްރީން ސްޓްރީޓް އަތުން 2-1 ބަލިވެފައެވެ.