22 Jul 2011, 23:55
ޕާޓީއަކަށް ނުވަދެ، ތިއްބެވި އިލްމީ ގާބިލް ބޭފުޅުންނަށް ޖާގަ ދޭނެ ވިސްނުން ޑީއާރްޕީން ގެންގުޅޭ ކަމަށް އެ ޕާޓީގެ ލީޑާ އަހުމަދު ތަސްމީން އަލީ މިރޭ ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީއަށް ހަ އަހަރު ފުރުމުގެ މުނާސަބަތުގައި ށ. ފުނަދޫގައި ޑީއާރްޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން މިރޭ ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ޓަކައި ޑީއާރްޕީން ކުރަމުންދާ މަސައްކަތުގައި މިވަގުތު ޕާޓީއަކާ ގުޅިވަޑައިނުގަނަވައި ތިއްބެވި އިލްމީ ގާބިލް ބޭފުޅުން ޑީއާރްޕީއާ ބައިވެރިވެގެން މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
"އެއްވެސް ޕާޓީއަކަށް ނުވަދެ، ވަރަށް ގިނަ އިލްމީ ތައުލީމީ ހުނަރުވެރި ތަޖުރިބާކާރު ބޭފުޅުން އެބަތިއްބެވި. އަޅުގަނޑުމެންގެ ލީޑާޝިޕަކާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހެން ތިއްބެވި ހުރިހާ ބޭފުޅުންނަށް ވެސް ޖާގަދޭނޭ ވިސްނުމެއް )ޑީއާރްޕީގެ( ލީޑާޝިފުން ގެންގުޅޭ،" ތަސްމީން މިރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2013 ގެ ރިޔާސީ އިންތިހާބަށް ޑީއާރްޕީން ނުކުންނައިރު، ރައްޔިތުންނަށް ހުށަހަޅާނެ ކަންތައްތައް ދެނެގަތުމަށްޓަކައި ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ރާއްޖެތެރޭގެ ރަށްތަކަށް ދަތުރުތަކެއް ފަށާނެ ކަމަށެވެ. އަދި ޑީއާރްޕީއަކީ ރައްޔިތުން އިތުބާރު ކުރާ ޕާޓީއަކަށް ހެދޭނީ ރައްޔިތުންގެ އުންމީދުތަކަށް ޖާގަދޭ ޕާޓީއަކަށް ހަދައިގެން ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ޕާޓީގެ ސިޔާސަތުތަކެއް ކަނޑައަޅައި ޖެހެ ކަމަށް ވިދާޅުވި އެވެ.
"މިހާރު ރާއްޖޭގެ ހާލު ހުރި ގޮތް އަޅުގަނޑުމެންނަށް އެބަ އިނގޭ. އެހެން ނަމަވެސް މިހެން ފެންނަން ހުރި ކަންތައްތަކުގެ އިތުރުން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ އުންމީދުތައ ދެނެގަނެ، މިކަންތައްތައް ރާވައި އަޅުގަނޑުމެން 2013 އަހަރު އިންތިހާބަކަށް ނުކުންނައިރު، ރައްޔިތުންނަށް ހުށަހަޅާނެ ކަންތައްތަކެއް ނިންމަން އެބަޖެހޭ،" ތަސްމީން ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް ފަށާގެން ރާއްޖޭގެ އެކި ރަށްރަށަށް ގޮސް، 2013 ރިޔާސީ އިންތިހާބަށް ނުކުތުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަމޭ،"
ތަސްމީން ވިދާޅުވީ ސިޔާސީ ގޮތުން އެކި ބަހަނާތައް ދައްކަވައިގެން ރައީސް ނަޝީދުގެ އަރިސް ބޭފުޅުންނަށް އެކި ނަންނަމުގައި ރާއްޖޭގައި ހުރިހާ ފަޅުރަށްތަކާއި ދައުލަތުގެ ވަސީލަތްތައް ހިތުހުރި ގޮތަކަށް ދެމުންގެންދާ ކަމަށެވެ. އަދި އެ އަމަލުތައް ހިންގަވަމުން ދަނީ ވިޔަފާރީގެ އުސޫލުން ކަމަށް ބުނެ ކަމަށާއި އެކަމުގެ ސަބަބުން ދައުލަތަށް އެއްވެސް ފައިދާއެއް ނުވާ ކަމަށެވެ. އެ ގޮތުން މިހާރު ރާއްޖޭގައި ބާކީ ފަޅު ރަށެއް "ގާތްގަނޑަކަށް" ނެތް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ޒަމާނުއްސުއްރެ މަސައްކަތްކޮށްގެން ގާއިމްކުރި ބައެއް ނިޒާމްތައް މިހާރު ފުނޑުފުނޑުކޮށްލާފައިވާ ކަމަށް އިޝާރާތް ކުރައްވައި ތަސްމީން ވިދާޅުވީ ސިއްހީ ހިދުމަތްދޭ ތަންތައް ގާބިލް ކަމެއް ނެތް ބަޔަކާ ހަވާލު ކުރުމުން އެތަންތައް ބޮއްސުންލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރުގެ ސަރުކާރުގެ ހާލަތައް ބަލައި، ރިޔާސީ އިންތިހާބުގައި ބޮޑު އަގުލަބިއްޔަތަކުން މި ސަރުކާރަކަށް ރައްޔިތުން ތާއީދު ނުކުރާނެ ކަމަށެވެ.
ޑީއާރްޕީގެ ލީޑާޝިޕުން އެ ޕާޓީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ށ. ފުނަދޫގައި ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު، ޒެޑް-ޑީއާރްޕީ ދަނީ މާލޭގައި އެ ޕާޓީގެ އަހަރީ ދުވަސް ފާހަގަ ކުރަމުންނެވެ.