19:00


ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި 41 އަހަރަށްވުރެ ގިނަ ހިދުމަތް ކުރައްވައިފައިވާ ތަޖުރިބާކާރު ފަންނާނެއް ކަމަށްވާ ޒާހިދާ އިބްރާހިމް ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވައިފި އެވެ. ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ޒާހިދާ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވައިފައި ވަނީ މޭލޭޝިއާގެ ހަންޕަންގް ހޮސްޕިޓަލްގައި މިއަދުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.


ދިވެހި ޑްރާމާ ވާހަކަ އަމިއްލައަށް އުފައްދަވައި، ތައްޔާރުކުރައްވައި ހުށަހަޅުއްވަމުން ގެންދެވި ޒާހިދާ ނުވަތަ މަޝްހޫރު ނަމުންނަމަ ޒާހިދާއްތަ ދިވެހިރާއްޖޭގެ އަޑާ ގުޅިވަޑައިގެންފައިވަނީ މީގެ 42 އަހަރު ކުރިން، 1968 ގަ އެވެ. ދިވެހިރާއްޖޭގެ އަޑުގައި 41 އަހަރު ހިދުމްތަކުރެއްވުމަށްފަހު، 2008 ވަނަ އަހަރުގެ އެޕްރީލް 20 ގައި އަޑުން ވަކިވެވަޑައިގެންނެވިއިރު އޭނާ ހުންނެވީ އެ ތަނުގެ ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭގެ ފަހުން ޒާހިދާއްތަ ވަނީ ސަން އެފްއެމްގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމު އެއް އަހަރަށްވުރެ ގިނަ ދުވަހު އަދާކުރައްވައިފަ އެވެ.


ދިވެހިރާއްޖެ އަޑުން ގެނެސްދިން ކުޑަކުދިންގެ ޕްރޮގްރާމް "އެބައުޅޭއެބައުޅޭ" އިން ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯއްދަވައިފައިވާ ޒާހިދާ ދިވެހިރާއްޖޭގެ އަޑުގައި އަމިއްލައަށް އުފައްދަވައި ތައްޔާރުކުރެއްވި ޕްރޮގްރާމްތަކުގެ ތެރޭގައި އަންހެނުންގެ ހާއްސަ ޕްރޮގްރާމެއް ކަމުގައިވާ "އަންހެނުން" އާއި ރަމަޟާން މަހު ގެނެސްދޭ ހޮޅުއަށި ޕްރޮގްރާމްގެ އިތުރުން ޒާހިދާއްތަ އަމިއްލައަށް ތައްޔާރުކޮށް ހުށަހަޅުއްވާދެއްވާފައިވާ ޑްރާމާ ވާހަކަތައް ހިމެނެ އެވެ.


ޒާހިދާއްތަ ސަންއެފްއެމްގައި އުޅުއްވި އަހަރެއްހާ ދުވަހު ހުށަހަޅުއްވައި ދެއްވި މަޝްހޫރު ޕްރޮގްރާމްތަކުގެ ތެރޭގައި ބޮޑުތަކުރުފާނުގެ ވާހަކަ އާއި އިތުރު ޑްރާމާތައް ހިމެނެ އެވެ.


1968 ވަނަ އަހަރު ދިވެހިރާއްޖޭގެ އަޑަށް އެނައުންސަރެއްގެ ގޮތުގައި ޒާހިދާއްތަ ގުޅިވަޑައިގެންނެވިއިރު އޭނާއާ އެކު އެތަނުގައި މަސައްކަތްކުރެއްވި ދިވެހިރާއްޖޭގެ އަޑު މިހާރުގެ ޑިރެކްޓަރ ޖެނެރަލް ބަދުރުއްނަސީރު ވިދާޅުވީ ޒާހިދާއްތަ އަކީ ވަރަށް ހިތްހެޔޮ އަދި އެހާމެ ޝައުޤުވެރިކަމާއެކު މަސައްކަތުގައި އުޅުއްވި، ހީވާގި މުވައްޒަފެއް ކަމަށާއި ޒާހިދާއްތައަކީ ބްރޯޑްކާސްޓިން ދާއިރާގެ ލެޖެންޑެއް ކަމަށެވެ.


ޒާހިއްދައްތައާއެކު ދިވެހި ރާއްޖޭގެއަޑުގައި އުޅުމަށް ފަހު މިހާރު ސަންއެފްއެމްގައި މަސައްކަތްކުރާ މުވައްޒަފުން ބުނާ ގޮތުގައި ޒާހިދާއްތަ އަކީ ހުރިހާ އުމުރެއްގެ މުވައްޒަފުންނާ އެކު މަސައްކަތްކުރައްވައި، މުވައްޒަފުންނާ ގާތް ގުޅުމެއް އޮންނަ އެހާމެ މަޖާ މިޒާޖެއްގެ، އަދި އެކުގައި މަސަކަތްކުރި ހުރިހާ މުވައްޒަފުންގެ މަންމައެއް ކަމަށެވެ.


ޒާހިއްދައްތައާއެކު ދިވެހި ރާއްޖޭގެއަޑުގައި އުޅުއްވުމަށް ފަހު މިހާރު ސަންއެފްއެމްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕްރޮގްރާމްސްގެ މަގާމުގައި ހުންނެވި މުއުމިނާ އާދަމް ވިދާޅުވީ ޒާހިދައްތައް އަށްވުރެ ގިނަ ފިލާވަޅު އޭނާ އަށް ދަސްކޮށްދެއްވި އެހެން ބޭފުޅަކު ބްރާޑްކާސްޓިން ދާއިރާގައި ނެތް ކަމަށެވެ.


ޒާހިދައްތާ އަށް ސަރުކާރުން ވަނީ މިނިވަން ފަންސަވީހުގެ އިނާމު 1990 ގައި ދެއްވައިފަ އެވެ.


ޒާހިދާއްތަ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވިއިރު އުމުރުފުޅަކީ 57 އަހަރެވެ. އޭނާގެ ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅަކާއި މާމަކިޔާ ފަސް ކުދިން ދުނިޔޭގައި އެބަތިއްބެވި އެވެ.