11 Aug 2017, 16:42
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2017ގެ އޮފިޝަލް އޮޑިޓަރުންގެ ގޮތުގައި، ކްރޯ ހޮވާތު މޯލްޑިވްސް ހަމަޖައްސައިފިއެވެ.
ހައިރައިޒުން އިންތިޒާމުކޮށްގެން ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަކޮށް ބާއްވާ ޓްރެވަލް އެވޯޑްސް 2017 އޮންނާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، ރާއްޖޭގައެވެ.
ސަޓާ އެވޯޑުގެ 39 ކެޓަގަރީއަށް، ދެކުނު އޭޝިއާގެ ފަސް ގައުމަކުން 414 ފަރާތެއް ނޮމިނޭޓުކޮށްފައިވާ އިރު، ނޮމިނޭޝަންތަކުގެ ޕްރޮފެޝަނަލް އިވެލުއޭޝަން މި ފެށޭ ހަފްތާގައި އޮންނާނެއެވެ.
26 ސެޕްޓެމްބަރ 2016: އޭއެޗް އެންޑް އެސޯސިއޭޓްސް ބައިނަލްއަގުވާމީވެ، ކްރޯ ހޯވާތު މޯލްޑިވްސްއަށް ރީބްރޭންޑް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އެކި ގައުމުތަކަށް ނިސްބަތްވާ، އެކި ދާއިރާތަކުގެ މާހިރުން ހިމެނޭ ޖަޖިންގް ޕެނަލުން އޯގަސްޓް 15 ވަނަ ދުވަހު އިވެލުއޭޝަން ފަށާ އިރު، އެވޯޑުގެ އޮފިޝަލް އޮޑިޓަރުން ކަމުގައިވާ ކްރޯ ހޮވާތު މޯލްޑިވްސްއިން ދާނީ މުޅި އިވެލުއޭޝަން ބަލަހައްޓަމުންނެވެ. އަދި ކަންކަން ހިނގައިދިޔަ ގޮތުގެ ރަސްމީ އޮޑިޓު ރިޕޯޓެއްވެސް ކްރޯ ހޮވާތުން ނެރޭނެއެވެ.
މިދިޔަ އަހަރު ބޭއްވި އެންމެ ފުރަތަމަ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް އޮތީ ސްރީލަންކާގެ މަޝްހޫރު މައުންޓް ލެވީނިއާ ހޮޓެލްގައެވެ. މިދިޔަ އަހަރުގެ އެވޯޑްސްގައި ދެކުނު އޭޝިއާ ސަރަހައްދުގެ 18 އެވޯޑަކާ އެކު އެންމެ ގިނަ އެވޯޑު ލިބުނީ ދިވެހިރާއްޖެއަށެވެ. އަދި ވިޒިޓާޒް ޗޮއިސް އެވޯޑްސްގެ ހަތް އެވޯޑުގެ ތެރެއިން ފަސް އެވޯޑެއް ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ.
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.