އިނގިރޭސި ޕްރިމިއަރ ލީގު ކްލަބް އާސެނަލަށް ކްލަބް ރެކޯޑް ޓްރާންފަރ ފީއަކަށް ގެންސްފައިވާ ފްރާންސް ފޯވާޑް އެލަކްސެންޑަރ ލަކަޒެޓަކީ، ސްވިޑެންގެ ތަރި ޒްލަޓަން އިބްރަހިމޮވިޗް ފަދަ ކުޅުންތެރިއަކަށް ވެގެންދާނޭ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

މިސީޒަންގެ ޕްރިމިއަރ ލީގުގައި އާސެނަލް ކުޅޭ ފުރަތަމަ މެޗުގައި މިރޭ ރާއްޖޭ ގަޑިން 11:45ގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ވެންގާ ވަނީ ލަކަޒެޓަށް އޭނާގެ އާ ޓީމާއެކު ކުޅޭ ޕްރިމިއަރ ލީގު ފުރަތަމަ މެޗު ކުޅުމުގެ ފުރުސަތު ދިނުމަށް ނިންމައިފައެވެ.

މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ވެންގާ ބުނީ، ލަކަޒެޓަކީ، ފުޓްބޯޅައިގެ ހުނަރާއި ފެންވަރު ހުރި މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާއަށް އާސެނަލްގައި މުހިއްމު ދައުރެއް އަދާކުރެވޭނޭ ކަމަށެވެ.

"ލަކަޒެޓާ މެދު އެއްޗެކޭ ބުނަން ވަރަށް ފަސޭހަ، އެއީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް،" ވެންގާ ބުންޏެވެ.

ވެންގާ ބުނީ، އޭނާގެ ގޭމް ޕްލޭން ބިނާވަނީ، ޓެކްނިކާއި މޮބައިލިޓީގެ މައްޗަށް ކަމަށްވާއިރު، އެކަންކަމަށް ހޭނެން ލަކަޒެޓަށް މާބޮޑު އުނދަގުލަކަށް ނުވާނޭކަމަށެވެ.

"އޭނާ ރަނގަޅަށް ހޭނުމުން، ދެން ހުރިހާ ކަމެއްވެސް ހަމަޖެހޭނެ. ފްރާންސްގައި އޭނާގެ ރެކޯޑަށް ބަލާއިރު އޭނާ ވަނީ ކޮންމެ 80 މިނިޓެއްގައި ލަނޑެއް ކާމިޔާބުކޮށްފައި. އެ ރެކޯޑު އޭނާއަށް ދެމެހެއްޓިއްޖެ ނަމަ އަހަރެމެން ބޭނުން ފުދުނީ. މާނައަކީ ކޮންމެ މެޗެއްގައި އޭނާގެ ފަރާތުން ލަނޑެއް ފެންނާނެއޭ."

އާސެނަލްގެ ކްލަބް ރެކޯޑު ފީއެއް ކަމަށްވާ 52 މިލިއަން ޕައުންޑަށް އެޓީމަށް ބަދަލުވުމުގެ ކުރީން ފްރާންސްގެ ލިޔޯނަށް ލަކަޒެޓީ ކުޅުނު 249 މެޗުގައި އޭނާ ވަނީ 119 ލަނޑު ކާމިޔާބުކޮށްފައެވެ.

ޒްލަޓަން އިބްރަހިމޮވިޗް ފްރާންސްގެ ޕީއެސްޖީން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމުން އޭނާއަށް ލަނޑު ޖެހޭނެ ކަމާމެދު ގިނަ ބަޔަކު ޝައްކުރި ނަމަވެސް އިބްރަހިމޮވިޗްވެސް ވަނީ، ޔުނައިޓެޑަށް އޭނާ ކުޅުނު 46 މެޗުގައި 28 ލަނޑު ކާމިޔާބުކޮށްފައެވެ.

ވެންގާ ބުނީ، ލަކަޒެޓް ނަމޫނާއެއްގެ ގޮތުގައި ދެކެން ވާނީ އިބްރަހިމޮވިޗްގެ މިސާލުކަމަށެވެ.

"އިބްރާހިމޮވިޗް ވަނީ، ފްރާންސްގައި އޭނާ ލަނޑުޖެހި ފަދައިން އިންގްލޭންޑަށް ބަދަލުވެފައިވެސް އެ މިސާލު ދައްކާފައި. ލަކަޒެޓް ހިފަންޖެހޭ އަމާޒަކީ އެއީ."

އުމުރުން 26 އަހަރުގެ ލަކަޒެޓް ވަނީ ލިޔޯނަށް މިދިޔަ ސީޒަނުގައި ކުޅުނު 45 މެޗުން 37 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިފަހަރުވެސް ޕްރިމިއަރ ލީގު މެޗުތައް، މީޑިއާ ނެޓްގެ އައިސްޓީވީ (ޗެނަލް 100)އާއި ޕީއެލްޓީވީ (ޗެނަލް 880) އިން ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.