11 Aug 2017, 14:19
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ގާއިމްކޮށްފައިވާ ހުޅުލޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން މޫދަށް ވެއްޓިއްޖެއެވެ.
މޫދަށް ވެއްޓިފައި ވަނީ، ހުޅުލޭ އިރުމަތީ ފަރާތުން، ހުޅުމާލެއަށް ދަތުރުކުރަން އޮންނަ މަގުގައި ދުއްވާފައި ދިޔަ ކާރެކެވެ.

ހުޅުލޭ އިރުމަތީ ފަރާތު ބޭރު މަގުން ދުއްވާފައި ދިޔަ ކާރެއް މޫދަށް ވެއްޓިފައި -- ފޮޓޯ: ކިޔުންތެރިއެއް
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ކޮޅުން ދުއްވާފައި ދިޔަ ވެހިކަލެއް މޫދަށް ވެއްޓިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު 11:15 ކަންހާ އިރު،" ކަމަށެވެ.
"ކާރުގައި އެވަގުތު ތިބީ ދެ މީހުން، އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ."
ސަންއަށް ލިބިފައިވާ ފޮޓޯއިން ފެންނަ ގޮތުގައި، މޫދަށް ވެއްޓިފައި ވަނީ ޕައިން ލޮޖް ގެސްޓްހައުސްގެ ކާރެކެވެ. ކަޅުކުލައިގެ އެ ކާރު މޫދަށް ވެއްޓިފައިވާއިރު އޭގެ ފަހަތުން ބަފަރަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަން ފޮޓޯއިން ފެނެއެވެ.
"ހިލަތަކުގެ މަތީންލާފައި ކާރުގޮސް މޫދަށް ވެއްޓުނު އިރު ކާރަށް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައި. މިހާރު ފުލުހުން ދަނީ ކާރު ނެގުމަށްޓަކައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ފުލުހުން އެ މައްސަލަ ތަހްގީގުކުރަމުން ދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.