ކަރެކްޝަންސްގެ ބަންދުގައި ހުޅުމާލޭ ޑިޓެންޝަންސް ސެންޓަރުގައި ބަންދުކޮށްފައި ތިބި ފަސް ބިދޭސީ އަކު ރޭގެ ވަގުތެއްގައި ފިލުމުން ހޯދުގެ މަސައްކަތް ފަށައިފި އެވެ.

ބަންދުކޮށްފައި ތިއްބައި ފިލާފައި ވަނީ ބަންގްލަދޭޝްގެ ފަސް މީހުންނެވެ. އޭގެ ތެރެއިން ހަތަރު މީހުންނަނީ މާރާމާރީގެ މައްސަލަތަކުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބި ބައެކެވެ. އަދި އަނެއް މީހާ އަކީ ޑްރަގް މައްސަލައެއްގައި ބަންދުކޮށްފައި ހުރި މީހެކެވެ.

މާރާމާރީގައި ބަންދުކޮށްފަައި ތިއްބައި ފިލި ހަތަރު މީހުން

  • އެމްޑީ އަބްދުލް މާޖިދު ( ބަންގްލަދޭޝް)
  • އެމްޑީ މޯނިރް ހާން ( ބަންގްލަދޭޝް)
  • އެމްޑީ އަލީ ހޮސައިން ( ބަންގްލަދޭޝް)
  • ރިޕޯން ( ބަންގްލަދޭޝް)

ޑްރަގް މައްސަލާގައި ހައްޔަރުކޮށްފައި ހުއްޓައި ފިލި މީހާ

  • އަކްބަރް އަލީ ( ބަންގްލަދޭޝް)

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން 'ސަން' އަށް ވިދާޅުވީ އެމީހުން ފިލާފައި ވަނީ ރޭ 2:30 ހާއިރު ކަމަށެވެ. ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ހުންނާނީ ޓިނު ފެންސެއް ޖަހާފައި ކަމަށާއި އެމީހުން ފިލީ އެތަނުން ޓިނުގަނޑެއް އިރާލައިގެން ކަމަށް ލުގުމާން ވިދާޅުވި އެވެ.

އެ ފަސް މީހުންނަކީ ރާއްޖެއިން ފޮނުވާލަންދެން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ތިބި ބައެއް ކަމަށް ލުގުމާން ވިދާޅުވި އެވެ. އަދި ބަންދުކުރެއްވިފައި ތިބީ މައްސަލައިގެ ތުހުމަތުގައި ކަމަށާއި ހުކުމް ނުކުރާ ކަމަށް ލުގުމާން ވިދާޅުވި އެވެ.

މި ފަސް މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، އެކަން ހުޅުމާލޭ ޕޮލިސް ސާވިސްގެ 3350020 ނަމްބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ އެތަނަށް ވަޑައިގެން ހިއްސާކުރެއްވުމަށް އެފަރާތުން އެދެއެވެ.