ށ. ގޮއިދޫ ބޭރުން މިދިޔަ ބުދަ ދުވަހު ފެނުނު ހަލާކުވެފައިވާ މިސައިލް، ގައުމީ ދިފާއީ ބާރުން މިއަދު ނައްތާލައިފި އެވެ.

އެމްއެންޑީއެފްގެ މޭޖާ އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވީ، ގޮއިދޫ ކައިރިން ފެނުނު ގޮތް ނޭގޭ އެއްޗަކީ ކަނޑުގެ ސިފައިން ބޭނުންކުރާ މިސައިލެއްކަން ކަށަވަރުވެފައިވާ ކަމަށާއި އެ ރައްކާތެރިކަމާއެކު މިއަދު ހަވީރު ވަނީ ނައްތާލައިފަ ކަމަށެވެ.

އެ ނައްތާލާފައިވަނީ ގޮއިދޫ ބޭރުން އެމްއެންޑީއެފްގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުންނެވެ.

މޭޖާ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އެމިސައިލުގެ ބައެއް ބައިތައް ނެތިގެންގޮސްފައިވީ ނަމަވެސް މިސައިލުގެ ބޮޑުބައެއް އޮތީ ސަލާމަތުންނެވެ. އެހެންކަމުން އެމިސައިލަކީ ގެންގުޅެން ނުރައްކާތެރި އެއްޗަކަށް ނުވިނަމަވެސް، ގެންގުޅެވޭ ގޮތަކުން ނުރައްކާތެރި އެއްޗަކަށް ވެދާނެތީ އެ ނައްތާލަން ޖެހުނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގޮއިދޫ މީހަކު ކިޔައިދިން ގޮތުގައި، ގާތްގަނޑަކަށް 10 ފޫޓް ހުންނަވަރުގެ މިސައިލްގެ ފަހަތުބައި ފެނުނީ އެރަށުގެ ނެރު ތޮއްޓާއި ވަރަށް ކައިރިން އޮޔާދަނިކޮށެވެ.