11 Aug 2017, 15:26
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ގދ. ތިނަދުއާ ދެކޮޅަށް ކުޅޭ މެޗަކީ މާލޭ ލީގުގައި އީގަލްސްއާ ދެކޮޅަށް ކުޅުންފަދަ މެޗެއް ކަމަށާއި އެ ޓީމަށް ޓްރާންސްފާރގެ ތެރެއިން ދިޔަ އީގަލްސް ކުޅުންތެރިންނާ އެކު ތިނަދޫ ވަރުގަދަ ވާނެތީ، އެކަމަށް ސަމާލުވާނެ ކަަމަށް ގްރީން ސްޓްރީޓްގެ ކޯޗް ސޮބާހް މުހައްމަދު ބުނެފިއެވެ.
މިރޭ ގައުމީ ދަނޑުގައި ތިނަދުއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ސޮބާ ބުނީ ތިނަދޫގައި މިވަގުތު އޮތީ ވަރުގަދަ ސްކޮޑެއް ކަމަށާއި އީގަލްސްގެ ކުޅުންތެރިންނާ އެކު އެޓީމު އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ. އޭނާ ބުނީ ކޮންމެ މެޗަކީވެސް މުހިއްމު މެޗެއް ކަމަށާއި އެގޮތުން މި މެޗުގައިވެސް ނަތީޖާ ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.
ސޮބާ އިތުރަށް ބުނީ އެ ޓީމުން ފުރަތަމަ ޑިވިޝަނަށް އައީ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށް އަޒުމު ކަނޑައަޅައިގެން ނޫން ކަމަށާއި ނަމަވެސް ރަނގަޅު ހިސާބެއްގައި ޓީމް އޮވޭތޯ އަބަދުވެސް މަސައްކަތް ކުރާނެ ކަަމަށެވެ.
އާދައިގެ ސްކޮޑަކާ އެކު ނުކުމެ މި އަހަރުގެ މާލޭ ލީގުގެ ދެވަނަ މަގާމް ގްރީންއަށް ހޯދައިދިން ޒުވާން ކޯޗް ބުނީ އޭނާގެ ޓީމަށް އަލަށް ގެނައި ކުޅުންތެރިން ފޯމަކަށް އެޅެން ވަގުތު ނަގާނެ ކަމަށާއި ނަމަވެސް މަސައްކަތް ކުރާނީ އެ ކުޅުންތެރިންވެސް ބޭނުންކޮށްގެން ނަތީޖާ ހޯދުމަށް ކަމަށެވެ.
ޕްރިމިއަރ ލީގުގައި މިހާތަނަށް ގްރީން އެއް މެޗު ކުޅެފައިވާއިރު އެ ޓީމްވަނީ ހަނިގޮތަކަށް 2-1 ގެ ނަތީޖާއަކުން މިލަންދޫ ބަލިކޮށްފައެވެ.