އިޓަލީގެ ފުޓްބޯޅައިގެ ބާރު، ޔުވެންޓަސްއަށް ކުޅުނު އެންމެ މަޝްހޫރު ކުޅުންތެރީން އެޅި ޖާޒީ ކަމަށްވާ 10 ނަންބަރު، އެޓީމުގެ ޒުވާން ފޯވާޑް ޕައުލޯ ޑިބާލާއަށް ދީފިއެވެ.

އިޓަލީގެ ލީގު ޗެމްޕިއަންސް ޔުވެންޓަސްއިން ވަނީ، މިސީޒަންގައި އެޓީމުގެ އާޖެންޓީނާ ފޯވާޑް ޑިބާލާ ބޭނުންކުރާނީ ކްލަބުގެ 10 ނަންބަރު ޖާޒީކަން އިއުލާނުކޮށްފައެވެ. ޑިބާލާއަށް ޖާޒީ ހަވާލުކޮށްދިނީ އިޓަލީގެ ކުރީގެ ތަރި އަދި ކުރީން އެ ޖާޒީ އަޅާފައިވާ ޔުވެންޓަސްގެ ލެޖެންޑް އަލެސަންޑްރޯ ޑެލް ޕިއެރޯގެ އަތުންނެވެ.

ޔުވެންޓަސްގެ 10 ނަންބަރު ޖާޒީ އެންމެ ފަހުން ބޭނުންކުރީ، ރެކޯޑް ޓްރާންސްފަރ އެއްގައި މީގެ 12 މަސް ކުރީން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވި ފްރާންސް ތަރި ޕައުލް ޕޮގްބާއެވެ. އޭގެ ކުރީން ޔުވެންޓަސްގައި 10 ނަންބަރަށް ކުޅުނު ކުޅުންތެރީންގެ ތެރޭގައި ޒައިނުއްދީން ޒިދާން، އަންދްރޭ ޕިރްލޯ އަދި ރޮބާޓޯ ބާޖިއޯ ފަދަ ދުނިޔޭގެ ނަންމަޝްހޫރު ކުޅުންތެރީން ހިމެނެއެވެ.

މީގެ ކުރީން ޔުވެންޓަސްގެ 21 ނަންބަރު ޖާޒީގައި ކުޅެމުން ދިޔަ އުމުރުން 23 އަހަރުގެ ފޯވާޑް ވަނީ މިދިޔަ ސީޒަންގައި ޔުވެންޓަސްއިން ހޯދި ގިނަ ކާމިޔާބީތަކުގައި މުހިއްމު ދައުރެއް ކުޅެފައެވެ. އެގޮތުން އޭނާ މިދިޔަ ސީޒަންގައި އެ ޓީމަށް 48 މެޗު ކުޅެފައިވާއިރު 19 ލަނޑު ކާމިޔާބުކޮށްދީފައި ވެއެވެ.

ބާސެލޯނާގެ ތަރި ނޭމާ ޖޫނިއަރ ދުނިޔޭގެ ރެކޯޑް ފީއަކަށް ޕީއެސްޖީއަށް ބަދަލުވުމާ ގުޅިގެން ނޭމާގެ ބަދަލުގައި ބާސާއިން ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރި އެއް ކުޅުންތެރިއަކީ ޑިބާލާއެވެ. އެހެން ނަމަވެސް ޔުވެންޓަސްއިން ވަނީ ބާސާގެ ހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ.

މިއީ އާޖެންޓީނާގެ ލެޖެންޑުން ކަމަށްވާ، ޑިއޭގޯ މަރަޑޯނާ، ހުއާން ރޯމަން ރިކުއެލްމް، އޭރިއަލް އޮރޓޭގާ، އަދި މިހާރު ލިއޮނަލް މެސީ ބޭނުންކުރަމުންދާ މަޝްހޫރު 10 ނަންބަރު، ބޭނުންކޮށްލުމަށް ޑިބާލާއަށް ލިބޭ ފުރަތަމަ ފުރުސަތެވެ.

ރިޕޯޓްތައް ބުނާގޮތުން، ޔުވެންޓަސްއިން ކުރިއަށް އޮތް ދުވަސްތަކުގައި އެޓީމު ވަރުގަދަކުރާނީ ޑިބާލާއަކީ ޓީމުގެ މައި ތަނބުކަމަށް ބަލައިގެންނެވެ.

ޑިބާލާއަށް ޖާޒީ ހަވާލުކުރުމަށް ފަހު އޭނާއަށް މަރުހަބާކިޔައި، ޑެލް ޕިއެރޯ ކުރި ޓްވީޓެއްގައި ބުނީ، ފަހި ކުރިމަގަކަށް އެދޭ ކަމަށާއި، ހަގީގީ ޖުވެންޓީނޯއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އެދޭ ކަމަށެވެ.

ޖަވާބުގައި ޑިބާލާ ބުނެފައިވަނީ، ޑެލް ޕިއެރޯގެ ޖާޒީ ނަންބަރު ދިނީތީ ޝުކުރުވެރިވާ ކަމަށާއި، އެއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.