10 Aug 2017, 23:40
އޭޝިއަން ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ގައުމީ އަންހެން ވޮލީބޯޅަ ޓީމު ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ބަލިވެއްޖެ އެވެ.
ފިލިޕީންސްގެ މެނީލާގައި ކުރިއަށްދާ އެ މުބާރާތުގައި ގައުމީ އަންހެން ޓީމު ބަލިވެފައި ވަނީ ތައިލެންޑް އަދި ޗައިނީސް ޓައިޕޭ އަތުންނެވެ.
ފުރަތަމަ މެޗުގައި ގައުމީ އަންހެން ވޮލީ ޓީމުން ތައިލެންޑާ ދެކޮޅަށް ނުކުތްއިރު ތައިލެންޑުން ސެޓުތައް ގެންދިޔައީ 25-5، 25-12 އަދި 25-9 އިންނެވެ.
މިއަދު ކުޅުނު ދެ ވަނަ މެޗުގައި ޗައިނީސް ޓައިޕޭ އަތުން ގައުމީ އަންހެން ވޮލީ ޓީމް ބަލިވީ 9-25، 8-25 އަދި 10-25 އިންނެވެ.
ރާއްޖެއިން މުބާރަތުގައި ކުޅޭ ތިން ވަނަ މެޗަށް މާދަމާ ނުކުންނާނީ އިރާނާއި ދެކޮޅަށެވެ. މީގެ ކުރިން އިރާނާ ދެކޮޅަށް މާލޭގައި ގައުމީ އަންހެން ޓީމުން ސެންޓްރަލް ޒޯނު މުބާރަތުަގައި ކުޅެފައިވާއިރު އެ މެޗުން ގައުމީ ޓީމު ބަލިވީ ސީދާ ތިންސެޓުންނެވެ. އެ މުބާރާތުގެ ޗެމްޕިއަނުންނަކީ އީރާނެވެ.
ގައުމީ އަންހެން ޓީމަށް ފުރަތަމަ ދެ މެޗު ގެއްލުމާ އެކު ޓީމު މިހާރު ވަނީ މުބާރާތުން ކަޓާފައެވެ. ނަމަވެސް ކުރިއަށް ހުރި މެޗުތަކުން މޮޅުވެގެން ރޭންކް ހޯދުމުގެ ފުރުޞަތު އަދިވެސް އެބައޮތެވެ.