22 Jul 2011, 21:47
ވޯލްޑް ކަޕް ކޮލިފައިންގައި އިރާނާ ދެކޮޅަށް ރާއްޖެ ކުޅޭ ފުރަތަމަ ލެގުގެ މެޗް މާދަމާ ރޭ ރާއްޖެ ގަޑިން 8:00 ޖަހާއިރު އިރާންގެ ވެރިރަށް ތެހެރާންގައި ފަށާނެ އެވެ.
ތެހެރާންގެ އަޒާދީ ސްޓޭޑިއަމްގައި ކުޅޭ މެޗާ ބެހޭގޮތުން ޓީމާއެކު މިވަގުތު އިރާންގެ ވެރިރަށް ތެހެރާންގައި ހުންނެވި ޓީމްގެ މެނޭޖަރު އަލީ ވަހީދު )ބަލަކް( ވިދާޅުވީ، ދިވެހި ކުޅުންތެރިން ތިބީ ވަރަށް ރަނގަޅު ޖޯޝެއްގައި ދިވެހި ހުރިހާ ސަޕޯޓަރުން ބޭނުންވާގޮތަށް ނަތީޖާ ނެރުމުގެ އުންމީދުގައި ކަމަށެވެ.
"ކުޅުންތެރިން ތިބީ ވަރަށް ޖޯސުގައި މެޗް ކާމިޔާބު ކުރަން. ދިވެހި ހުރިހާ ސަޕޯޓަރުން ބޭނުންވާ ނަތީޖާ ނެރުމުގެ އަޒުމުގައި ކުޅުންތެރިން ތިބިކަން އަޅުގަނޑު ފާހަގަ ކުރަން،" ތެހެރާންގައި ހުންނެވި ޓީމްގެ މެނޭޖަރު ބަލަކް ވިދާޅުވިއެވެ.
ބަލަކް ވިދާޅުވީ، ޓީމް އިރާނަށް ދިއުމުން ޓީމަށް ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތި ލާންޖެހުނު ކަމަށާއި އެގޮތުން ވިސާކަންތައްތަކުގައި އެއާޕޯޓްގައި ވެސް ހަތަރު ގަޑިއިރެއްހާއިރު މަޑުކުރަންޖެހުނު ކަމަށެވެ. އަދި މެޗަށް ތައްޔާރު ވުމުގެ ގޮތުން މިއަދު ހަވީރު ޓީމްގެ އެންމެ ފަހުގެ ފަރިތަކުރުންތައް ކުރި ކަމަށް ވެސް މެނޭޖަރު ބަލަކް ވިދާޅުވިއެވެ.
"ދިގު ދަތުރެއް ކޮށްފައި އިރާނަށް އައުމުން ކުޅުން ތެރިންގެ ފަރާތުން ވަރުބަލިކަން އިހުސާސް ކުރެވުނު. އެހެން ނަމަވެސް މިހާރު ރަނގަޅުމ" ބަލަކް ވިދާޅުވިއެވެ.
މެނޭޖަރު ބަލަކްގެ އިތުރުން ޓީމްގެ އެސިސްޓެންޓު ކޯޗް އަހުމަދު އާތީ )އާތީ( ބުނީ، އިރާންގައި ފަރިތަކުރަން ލިބޭ މުއްދަތު ކިތަންމެ ކުޑަކަމުގައި ވީނަމަވެސް ދިވެހި ކުޅުންތެރިންގެ ފަރާތުން އެކުޅުންތެރިންގެ ފެންވަރު ފެންނާނެ ކަމަށާއި ހަމައެކަނި މައްސަލައަކީ ދިގުދަތުރެއް ކޮށްފައި އައުމުން ކުޅުންތެރިގެ ފަރާތުން ފެނުނު ވަރުބަލި ކަން އެކަނި ކަމަށެވެ. އެހެން ނަމަވެސް މާދަމާގެ މެޗަށް ތައްޔާރު ވުމުގެ ގޮތުން މިއަދު ހަވީރު ކުރި އެންމެ ފަހު ފަރިތަކުރުމަށްފަހު ޓީމްގެ ކުޅުން ތެރިން މިހާރު ތިބީ ރިކަވާ ވެފައި ކަމަށެވެ.
މާދަމާ ރޭގެ މެޗަށް ދިވެހި ޓީމް ނިކުންނައިރު، މިވަގުތު އިރާންގެ ފިނިހޫނުމިން ހުރީ 30 ޑިގްރީ ސެލްސިއަސްގަ އެވެ.
އިރާނާ ދެކޮޅަށް ދިވެހި ޓީމް ކުޅޭ ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަމިއްލަ ފަސްގަޑުގައި މި މަހުގެ 28 ވަނަ ދުވަހު އެވެ.