10 Aug 2017, 20:19
ޓާމިނަލް ކެފޭގެ ތެރޭގައި މިދިޔަ މަހު ވަޅިން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)، 23، މަރާލި މައްސަލާގައި ޒުވާނަކު މިރޭ ހައްޔަރުކޮށްފި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ނަދީމްގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގ. ޝާރާޒް، މުޙައްމަދު މަފާޒް ޙުސައިނެވެ. އޭނާއަކީ އުމަރު ނަސީރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު، މޮނިކޮން އަމުރުގެ ޓެގު އެޅުވި ޒުވާނެކެވެ. އަދި މޮނިކޮން އަމުރާ ހިލާފުވެގެން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ. މަފާޒަކީ ޖިނާއީ ތަފާތު އެކި ކުށްތަކުގެ ރެކޯޑު އޮންނަ ޒުވާނެކެވެ.
އޭނާ މުޖުތަމައުއަށް ދޫވެފައި ހުރީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ގައިގައި އެޅުވި ޓެކު ނަގާފައި ވަނީ، މޮނިކޮން އަމުރުގެ ދަށުން ކުރި އަމުރުގެ މުއްދަތު ހަމަވެގެންނެވެ.

މުހައްމަދު މަފާޒު ހުސައިން ސަލީމް: ޖިނާއީ ކުށްތަކުގެ ރެކޯޑު ގިނަ--- ފޮޓޯ/ ޕޮލިސް
މަފާޒު މިރޭ ހައްޔަރުކޮށްފައި ވަނީ ދެ މައްސަލައެއްގެ ތުހުމަތުގަ އެވެ. އެއީ ނަދީމް މަރާލި މައްސަލަ އާއި ބަޔަކަށް ބިރު ދެއްކި މައްސަލައެއްގެ ތުހުމަތުގަ އެވެ.
ނަދީމަށް ހަމަލާދިންތާ 14 ދުވަސް ފަހުން، އެ މަރުގެ މައްސަލާގައި މަފާޒު ހައްޔަރު ކުރީ ގ. ޖެލީފިޝްއިންނެވެ. އަދި އެހެން މައްސަލައެއްގައި ވެސް އެ ގެއިން މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ނަދީމަށް ހަމަލާދީފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާމިނަލް ކެފޭގައި ކޮފީ ބޯން އިންދަ އެވެ. އޭނާއަށް ހަމަލާދިނީ މޫނު ނިވާކޮށްގެން ތިބި ދެ މީހެކެވެ. އެ މީހުން އޭނާގެ ގަޔަށާއި ބޮލަށް ވަޅި ހަރާފައިވެ އެވެ.
ނަދީމް މަރުވީ އޭނާއަށް އެ ހަމަލާދިންތާ ދެ ދުވަސް ފަހުން މިދިޔަ މަހުގެ 29 ވަނަ ދުވަހު އޭޑީކޭގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.