10 Aug 2017, 21:51
ވެރިކަން ކުރާ ޕީޕީއެމްގެ ހަރަކާތްތައް ހިންގުމަށް މާލޭ ހިޔާ ހުސް ބިމުގަ އާއި ކުރީގެ ވެސްޓް ޕާކް ހުރި ތަނުގައި ބޮޑު ދެ ޖަގަހަ ހުޅުވުމުގެ މަސަތްކަތް ފަށައިފި އެވެ.
ޕީޕީއެމުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް އިތުރުކުރުމުގެ ގޮތުން މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ޖަގަހަތަކެއް ހެދުމުގެ މަސަތްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ސަރުކާރުގެ ބިންތަކުގައި ޕީޕީއެމުން ޖަގަހަ ހަދަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ އެއްވެސް ބިމެއްގައި ގާނޫނާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބިމެއް ހޯދާފައި ނުވާނެ ކަމަށެވެ.
މިހާރު ހުޅުވެން ތައްޔާރުވެފައިވާ މާލޭ ހިޔާ ސަރަހައްދުގައި ހުރި ޖަގަހައާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވީ އެ ބިމަކީ ހައުސިން މިނިސްޓްރީން ކުއްޔަށް ދޫކުރުމަށް އިއުލާނު ކުރުމުން އާންމު ރައްޔިތަކު ކުއްޔަށް ނަގާފައިވާ ބިމެއް ކަމަށެވެ. އަދި ޕީޕީއެމަށް އެ ބިން ލިބުނީ އޭނާ އަތުން ކުއްޔަށް ކަމަށް ވެސް އަބުދުއްރަހީމް ވިދާޅުވިއެވެ.
"ސަރުކާރުގެ ބިމެއް އެހެން މީހަކު ނަގާފައި އޮއްވައި އޭނާ އަތުން އަޅުގަނޑުމެން އެގްރީމަންޓެއްގެ ދަށުން ކުއްޔައް ނެގުން އެއްވެސް ގާނޫނަކުން މަނައެއް ނުކުރޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
"މިހާރު އެ ޖަގަހަ އެ ނިމެނީ. ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ﷲގެ ރަހުމަތްފުޅާ އެކު އަންނަ ހޯމަ ދުވަހުގެ ރޭ އަޅުގަނޑުމެން އެ ޖަގަހަ ހުޅުވާނަން. ޖަގަހާގައި ޕީޕީއެމްގެ ހަރަކާތްތައް ހިނގާނެ ފޯރިއާއެކު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވަނީ ވެސްޓް ޕާކުގައި ވެސް ޕީޕީއެމްގެ ތިން ބުރީގެ ޖަގަހައެއް ހަދަމުންދާ ކަމަށް ވިދާޅުވެފައެވެ.
ކުރީގެ ސަރުކާރުތަކުން ވެސް ސަރުކާރުގެ ބިންތަކުގައި ޖަގަހަތައް ހަދާފައިވާ ކަމަށް އިޝާރަތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫނުގެ ސަރުކާރުގައި ޑީއާރުޕީގެ ޖަގަހައެއް ސިނަމާލޭ ތިނެއްގައި ހުރި ކަމަށާއި އަދި އެމްޑީޕީގެ ވެރިކަމެއްގައި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބިމެއްގައި އެ ޕާޓީން ވެސް ޖަގަހަ ހަދައިގެން ހަރަކާތްތަކެއް ހިންގި ކަމަށެވެ. އަދި އެ ފަރާތްތަކުން ވެސް ޖަގަހަ ހަދައިގެން ކުރިއަށް ގެންގޮސްފައި ވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.