މާމިގިލީ ވިލާ އެއާޕޯޓްގައި މަސައްކަތްކުރި ބިދޭސީއަކު، އެ އާޕޯޓްގައި ހަދަމުން ދިޔަ ހަތަރު ބުރި އިމާރާތަކުން ވެއްޓި އިއްޔެ މަރުވެއްޖެ އެވެ.

ވިލާ ކޮންސްޓްރަކްޝަންގެ ސައިޓް ސުޕަވައިޒަރު އަލީ ވަހީދު މިއަދު ވިދާޅުވީ ބަނގުލާދޭޝްގެ އަރުޒުން މީއާ، 32، ހަތަރު ބުރި އިމާރާތަކުން ވެއްޓުނީ އެ އިމާރާތުގެ ކޮން ފަންގިފިލާއަކުން ކަން ނޭނގޭ ކަމަށާއި އިއްޔެ ހެނދުނު މީހުންނަށް ރަނގަޅަށް މަސައްކަތް ފަށައިނުގަނެވިގެން އުޅެނިކޮށް އޭނާ އޮތީ ވެއްޓިފައި ކަމަށާއި އޭރު ހޯސްލާފައި އޭނާގެ ކަންފަތުން ލޭ އަންނަމުން ދިޔަ ކަމަށެވެ.

ވަހީދު ވިދާޅުވީ ވަގުތުން އޭނާ އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ބެލި އިރު އޭނާގެ ފުރާނަ ނެތް ކަމަށް ޑޮކްޓަރު ބުނި ކަމަށެވެ.

އޭނާ ވިދާޅުވީ ބަނގުލާދޭޝް މީހާގެ ކަންފަތުން ލޭއައުން ފިޔަވައި ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޒަހަމެއް ނެތް ކަމަށާއި ޑޮކްޓަރު ލަފާ ކުރައްވަނީ އޭނާ ވެއްޓުމުގެ ތެރޭގައި ކޮންމެވެސް ތަނެއްގައި ބޯޖެހިގެން މަރުވީ ކަމަށެވެ.