10 Aug 2017, 16:05
ހއ. އިހަވަންދޫގައި ހިންގާ އައިސް ޕްލާންޓްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު، ޅ. ހިންނަވަރު، އިސްމާއިލް އުމަރު (އިއްސެ)ގެ މަރުގެ މައްސަލައިގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.
މިއަދުގެ މެންދުރުފަހު 2:20 އަށް ތާވަލުކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ބަންގްލަދޭޝް މީހެއް ކަމަށްވާ ޝުމޮން މިއާގެ ޝަރީއަތެވެ. އެ ޝަރީއަތް ކެންސަލް ކުރި ސަބަބެއް އަދި ނޭނގެއެވެ.
އިއްސެ މަރާލާފައި އޮއްވައި ފެނިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު އޭނާ މަސައްކަތް ކުރާ އައިސްޕްލާންޓް ތެރޭގައި ހުރި އެކޮމަޑޭޝަން ރޫމުގައެވެ. ފުލުހުން ބުނެފައިވަނީ ޝުމޮން މިއާ އިއްސެ މަރާލި ކަމަށް އިއުތިރާފުވެފައިވާ ކަމަށެވެ.
އެ މައްސަލާގައި ޝުމޮން މިއާގެ އިތުރުން ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ. އެ ދެމީހުންނަކީވެސް ބަންގްލަދޭޝް މީހުންނެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ، ގަސްތުގައި މަރެއް ފޮރުވުމުގެ ކުށުގެ ދައުވާއެވެ.