އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން އަނެއްކާ ވެސް މަޖިލީހަށް ވައްދައިފިއެވެ.

މީގެ ކުރިން ހުށަހެޅި އެ މައްސަލަ މަޖިލީހުން ބާތިލު ކުރީ ގާނޫނު އަސާސީގެ "ނުބައި" މާއްދާއަކާ ހަވާލާދީފައިވާތީ ކަމަށް ބުނެއެވެ. އަލުން މައްސަލަ ހުށަހެޅީ އެކަން އިސްލާހު ކުރުމަށްފަހުއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އެ މައްސަލަ މިއަދު އަނެއްކާވެސް ހުށަހެޅީ 30 މެމްބަރުންގެ ސޮޔާއެކު ކަމަށެވެ. މީގެކުރިން އެ މައްސަލަ ވެއްދީ 24 މެމްބަރުންގެ ސޮޔާއެކުއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް "ސަން" އަށް ވިދާޅުވެފައި ވަނީ އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އޭނާ ސޮއިކުރެއްވީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފަށް އަނިލްގެ އަމަލުތައް ހުރެއްވުމުން ކަމަށެވެ.

އާޒިމް ވިދާޅުވީ އެޓާނީ ޖެނެރަލް ކަމުގައި އަނިލް ހުންނަވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ދައުލަތުގެ މަސްލަހަތު އެއްކިބާކޮށް، އޭނާ ހިމާޔަތް ކުރައްވަނީ ވަކި ބޭފުޅެއްގެ މަސްލަހަތު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައެޅުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ ދިވެހި ރައްޔިތުންގެ ފަރާތުން ކަމުގައި އަނިލް ވިދާޅުވި ނަމަވެސް، އޭނާ އަކީ ރައްޔިތުން ތަމްސީލު ކުރުމުގެ އެއްވެސް ހައިސިއްޔަތެއް އޮތް ބޭފުޅެއް ނޫން ކަމަށާއި ރައްޔިތުން ތަމްސީލު ކުރައްވާނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ މެމްބަރުން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މިއީ އިދިކޮޅު ކޯލިޝަނުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއަސް، އެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ނިންމޭނީ ސުޕްރީމް ކޯޓުން ނިންމުމުން ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.