މާލޭގައި ހިނގަމުންދާ މާރާމާރީ އާއި ގޭންގު ކުށްތައް ހުއްޓުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިސްނަގައިގެން ގައުމީ ފެންވަރުގައި މަސަތްކަތްތަކެއް ފަށައިފިއެވެ.

އެޗުއާރުސީއެމުން ބުނީ ގޭންގު ކުށްތަކާއި މާރާމާރީތައް ހުއްޓުވުމަށް ގައުމީ ފެންވަރުގައި މަސަތްކަތްތަކެއް ފަށާފައިވާ ކަމަށާއި އެގޮތުން ކުރެވިދާނެ މަސަތްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ސިލްސިލާ ގޮތެއްގައި ބައްދަލުވުންތަކެއް ވަނީ ފަށާފައި ކަމަށެވެ.

"މި ބައްދަލުވުންތަކުގެ މަޤްސަދަކީ، މުޖުތަމަޢުގައި ހިނގަމުންދާ މާރާމާރީއާއި ގޭންގް ކުށްތައް ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ކަމާބެހޭ މުޢައްސަސާތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް، މި ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް މަގުފަހިކުރުމާއި، މުޖުތަމަޢުގައި ހިނަގަމުންދާ މާރާމާރީއާއި ގޭންގް ކުށްތައް ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ކަމާބެހޭ މުޢައްސަސާތައް ގުޅިގެން މިކަންކަން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށް، ނިންމާ ނިންމުންތައް ތަންފީޒްކުރުމަށް ބާރުއެޅުމާއި، މުއައްސަސާތައް ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކުރުން،" އެޗުއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެޗުއާރުސީއެމުން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: އެޗިއާރުސީއެމް

ސިލްސިލާ ބައްދަލުވުންތަކުގައި މިއަދު ކުރިއަށްދިޔައީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް އާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ޖުވެނައިލް ޖަސްޓިސް ޔުނިޓްއާ ބައްދަލުކުރުން ކަމަށް ވެސް އެޗުއާރުސީއެމުން ބުނެއެވެ.

ވޭތުވެދިޔަ ދެ ހަފްތާއެއްގެ ތެރޭގައި މާލޭގައި ވަނީ ފަސް މާރާމާރީއެއް ހިންގައި ދެ ޒުވާނަކު މަރާލާފައެވެ. އެ މާރާމާރީތަކުގައި މަރުވެފައި ވަނީ ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް، 24 އާއި ރ. މީދޫ، މުހައްމަދު އަނަސް، 25 އެވެ.

ފުލުހުން ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަނަސް މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.

މާރާމާރީތަކާ ގުޅިގެން، 34 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ފުލުހުން ހޯދަމުންދާ މީހުންގެ ފޮޓޯއެއް އަދި ވަނަވަރެއް ވެސް ހާމައެއް ނުކުރެއެވެ.