22 Jul 2011, 11:31
ހދ. އަތޮޅު ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި، އެދެ ބޭފުޅުން ވެސް މަގާމުން ދުރުކޮށް، އެ މަގާމުތަކަށް އެހެން ދެ ކައުންސިލަރަކު އިއްޔެ ހަމަޖައްސައިފި އެވެ.
އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ހދ. އަތޮޅު ކައުންސިލްގެ ރައީސް، ކުޅުދުއްފުށީ ދެކުނު ދާއިރާގެ އާދަމް ވަހީދު އަލީ އާއި ނައިބު ރައީސް ކަމުގައި ހުންނެވި ވައިކަރަދޫ ދާއިރާގެ އަހުމަދު ހަލީލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފައި ވަނީ އިއްޔެ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި އެވެ.
ކައުންސިލްގެ ރައީސަކީ އެމްޑީޕީގެ މެމްބަރަކެވެ. އަދި ނައިބު ރައީސަކީ އަތޮޅު ކައުންސިލަށް ހޮވިވަޑައިގެންނެވި ހަމައެކަނި މިނިވަން މެމްބަރެވެ.
ހދ. އަތޮޅު ކައުންސިލްގެ އިދާރާ އިން ބުނި ގޮތުގައި، ރައީސާއި ނާއިބު ރައީސް މަގާމުން ވަކިކުރެއްވީ، އެކައުންސިލްގެ ހިމެނޭ އެމްޑީޕީގެ ހަ މެމްބަރުން ސޮއިކުރައްވައި ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން އިއްޔެ މެންދުރު ފަހު ބޭއްވި ކައުންސިލްގެ ކުއްލި ޖަލްސާއެއްގަ އެވެ. އަދި އެ ދެ ބޭފުޅުންގެ އިތުބާރު ނެތްކަމަށް ފާސްކުރެއްވީ، އެ މައްސަލަ ހުށަހެޅުއްވި ހަ މެމްބަރުން ވޯޓު ދެއްވައިގެން ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
ކައުންސިލްގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފައި ވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ )އެލްޖީއޭ( އަށް ދާއިރާ އެކަކުން މެމްބަރުން އިންތިހާބު ކުރުމަށް ނެގި ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ނުދެއްވި މައްސަލައިގައި ކަމަށް އަތޮޅު ކައުންސިލްގެ އިދާރާއިން ބުނެ އެވެ. އަދި ނާއިބު ރައީސްގެ އިތުބާރު ނެތްކަމަށް ނިންމަވާފައި ވަނީ، ގައުމީ އިދާރާ އަށް އެއްބާރުލުން ދެއްވާފައި ނުވާ ކަމަށް ބުނެ އެވެ.
ނަމަވެސް، ހަލީލު ވިދާޅުވި ގޮތުގައި، އޭނާގެ އިތުބާރު ނެތްކަމަށް ހުށަހަޅުއްވަފައި ވަނީ ވެސް، ހަތަރު ބުރަކަށް ބޭއްވި، ދާއިރާ އެކެއްގެ އިންތިހާބުގައި އެމްޑީޕީގެ މެމްބަރަށް ވޯޓު ނުދެއްވައިގެންނެވެ.
އެޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި، ރައީސް އާދަމް ވަހީދު އަލީގެ އިތުބާރު ނެތްކަމަށް ފާސްވުމާ ގުޅިގެން، ޖަލްސާގެ ރިޔާސަތާ ދެން ހަވާލުވީ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީގެ މެންބަރެއް ކަމުގައިވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ޒަކަރިއްޔާ ހަސަން ކަމަށް ކައުންސިލުން ބުންޏެވެ. އަދި އެ ޖަލްސާ ބޭއްވީ، ކައުންސިލުގެ ހިންގާ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ، ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީގެ އަނެއް މެންބަރު، ހަނިމާދޫ ދާއިރާގެ މެމްބަރު މުސްތަފާ ސަލީމު ވަނީ ޖަލްސާ ދޫކުރައްވާ ވަޑައިގަންނަވައިފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
މިޖަލްސާގައި ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް އެހެން ދެމެމްބަރުން ވަނީ އިންތިހާބު ކޮށްފައިވެ އެވެ. ކައުންސިލްގެ އާ ރައީސަކަށް އިއްޔެ އިންތިހާބުކޮށްފައި ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މުހަންމަދު ޝުކޫރެވެ. ނައިބު ރައީސަކީ މުހަންމަދު ގާސިމެވެ. ދެބޭފުޅުން ވެސް ނިސްބަތްވަނީ އެމްޑީޕީއަށެވެ.
އެ ދެ މަގާމަށް ވެސް ކުރިމަތި ލެއްވުމަށް ހުޅުވާލި ފުރުސަތުގައި، އިތުރު ބޭފުޅަކު ކުރިމަތި ލައްވާފައި ނުވާތީ، އެދެބޭފުޅުން އިންތިހާބު ކުރެވިފައި ވަނީ ފެންނަ ނުފެންނަ ސިއްރު ވޯޓެއް ނަގައިގެން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ހދ. އަތޮޅު ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީގެ ހަ ކައުންސިލަރުންނާއި ޑީއާރްޕީގެ ދެ ކައުންސިލަރަކާއި މިނިވަން އެއް ކައުންސިލަރެކެވެ.