10 Aug 2017, 13:17
ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހަރަކާތްތެރިވާ ފުލުހުންގެ އަމިއްލަ ޒާތާއި އަބުރަށް ހުތުރުވާ ފަދަ އަމަލެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ އެ މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގުކޮށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ދެއްވައިފިއެވެ.
ސީޕީ އަރީޕް ސޮއިކުރައްވައި މިދިޔަ އާދިއްތަ ދުވަހު ނެރެފައިވާ ދެންނެވުމުގައި ބުނަނީ އަނބުރު ރައްކާތެރެކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10ވަނަ މާއްދާގެ ދަށުން އެއްވެސް ފަރާތަކުން ފުލުހަކަށް ނިސްބަތްކޮށްގެން، އެ ފުލުހަކު ޕޮލިހަށް މައްސަލައެއް ހުށަހަޅައިފިނަމަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލައެއް ބަލައި ތަހްގީގުކޮށް ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
އަދި އެފަދަ އަމަލެއްގެ ސަބަބުން ފުލުހަކަށް ލިބޭ މަދަނީ ބަދަލު ހޯދުމަށް ކޯޓަށް ހުށަހެޅުމުން ގާނޫނީގޮތުން ދެވެންހުރި އެހީތެރިކަމެއް ދޭނެ ކަމަށް ވެސް ސީޕީ އަރީފް ވިދާޅުވެފައިވެއެވެ.
އަބުރުގެ ގާނޫނޫގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސީޕީ ދެއްވާފައިވާއިރު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުން ކޮށްގެން ވަކިވަކި ފުލުހުންގެ ފޮޓޯ ޖަހައި، ފުލުހުންގެ ނަމުގައި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ ފަރާތްތައް ހޯދައި އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.