10 Aug 2017, 17:08
އިންޑިއާ އިން ޕްރިންޓް ކޮށްގެން އަލަށް ނެރުނު 500 ރުޕީސްގެ އެކިއެކި ނޫޓް ތަކުގައި ބޮޑެތި ތަފާތުތަކެއް އުޅޭ މައްސަލަ ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ.
ކަޅު ފައިސާ ދައުރުވުން ހުއްޓުވުމުގެ ނަމުގައި މިދިޔަ އަހަރު އިންޑިއާ އިން ވަނީ އެ ގައުމުގައި ބޭނުން ކުރަމުން ދިޔަ ފައިސާގެ ތެރެއިން ވަނީ 500 އަދި 1000 ރުޕީސްގެ ނޫޓުތައް އުވާލައިފަ އެވެ. އަދި އެއަށްފަހު ވަނީ 500 އަދި 2000 ރުޕީސްގެ އާ ނޫޓުތަކެއް ޗާޕްކުރުމަށްފަހު ނެރެފައެވެ.
އަލަށް ނެރުނު 500 ރުޕީސްގެ އެކިއެކި ނޫޓުތަކުގެ ޑިޒައިނާއި، ސައިޒާއި އަދި އޭގައި ހިމެނޭ ފީޗާ ތަކުގައި ގިނަ ތަފާތަކެއް ވަނީ ފާހަގަ ކުރެވިފައެވެ.
އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކޮންގްރެސުން ވަނީ އަލަށް ނެރެ ދައުރުވަމުން ދާ ނޫޓުތަކުގައި އެހާ ބޮޑެތި ތަފާތުތަކެއް އުޅޭތީވެ އެކަމާ ވަރަށް ބޮޑަށް ސުވާލު އުފައްދައިފަ އެވެ. އަދި އިންޑިއާގެ ސަރުކާރާއި އަދި އެ ގައުމުގެ ސެންޓްރަލް ބޭންކު ރިޒާވް ބޭންކް އޮފް އިންޑިއާ އިން އޭގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
"މިއީ ވަގު ނޫޓުތަކެއް ނޫން. މީގެ ނޫޓުތަކުގައި އެބަހުރި ހުރިހާ ސެކިއުރިޓީ ފީޗާސްތަށް ވެސް. އަހަރެން ބޭންކަށް ދިޔައިމަ ބޭންކުން ވެސް އެކަން ޔަގީން ކޮށްދިން. އަހެރެންނަކަށް ނޭނގޭ ކީއްވެގެން ކެމެއް މިކަންތައް އެއްވެސް މައްސަލައަކަށް ނުވަނީ "ކޮންގްރެސް ޕާޓީގެ އިސް ލީޑަރެއް ކަމަށްވާ ކަޕިލް ސިބަލް ބުންޏެވެ.
އިންޑިއާގެ ފައިނޭންސް މިނިސްޓަރު އަރުން ޖެޓްލީ ކޮންގްރެސް ވާހަކަތަކަށަ ރައްދު ދެއްވައި ބުނި ގޮތުގައި އަލަށް ނެރުނު ނޫޓު ތަކުގައި ތަފާތުތައް އުޅެނީ މާގިނަ ނޫޓުތައް އެއްފަހާރާ ޗާޕް ކުރުމުގެ ސަބަބުންނެވެ.
"އެކި ޕްރިންޓިން ޕްރެސްގައި ހުރެދާނެ ޑިޒައިނާ ސައިޒުގައި ތަފާތު ތަކެއް. އެހެން ނަމަވެސް އެއީ ދެ ވައްތަރެއްގެ ނޫޓެއް ނޫން،" އަރުން ވިދާޅުވިއެވެ.
ނޫޓްތައް ތަފާތުވި މައްސަލައިގައި ކޮންގްރެސްގެ ބަައެއް މެމްބަރުން މިހާރުވެސް ވަނީ އެއީ ކޮރަޕްޝަނުގެ މައްސަލައެއް ކަމަށް ބުނެ ސަރުކާރަށް ބޯޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. ކޮންގޮރެސްގެ މެމްބަރުން ބުނާ ގޮތުގައި ނޫޓުތައް ޗާޕްކުރުމުގައި އެކިކޮލިޓީގެ ދެލި ވަނީ ބޭނުން ކޮށްފައެވެ. އަދި މިއީ ފައިސާގެ ދަހިވެތިކަމުގައި ކޮށްފައިވާ ކަމެއް ކަމަށް ބުންޏެވެ.
"މިއީ މި ގަރުނުގައި ވެސް ހިނގި އެންމެ ބޮޑު ފައިސާގެ ހިޔާނާތް،" ކޮންގްރެސްގެ މެމްބަރުން ބުންޏެވެ.