ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން ދެވަނަ ފަހަރަށް ފަސްކޮށްފިއެވެ.

ސަން އަށް އެނނގިފައިވާގޮތުގައި މިއަދު 2:00 އަށް ތާވަލްކުރި ހުކުމް އިއްވުމުގެ އަޑުއެހުން ކެންސަލްކުރީ އޭނާގެ ވަކީލުން ބަޔާންތަކުގައި ސޮއިކޮށްފައިނުވާތީއެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް އެ މައްސަލައިގެ ހުކުމް އިއްވަން ތާވަލްކުރިއެވެ. ނަމަވެސް ބަޔާންތަކުގައި ސޮއިކޮށްފައިނުވާތީ އެ ދުވަހު ހުކުމް އިއްވުން މިއަދަށް ފަސްކުރީއެވެ.

ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލިއާގެ ކައިރިން ފެނުނު އައިޑީ ނައްތާލަން ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ފުލުހެއްގެ މޭ މަތީގައި ޖަހައި ފުލުހުންނަށް ފިޔާޒު ހުރަސް އަޅާފައިވާ ކަމަށެވެ.

އެންމެފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ އާދަމް އާރިފް ވިދާޅުވީ އެ ކޯޓުން މިހާރު އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން މައްސަލަތަކުގައި ހުކުމް އިއްވަނީ އެ މައްސަލައާ ގުޅޭ ހުރިހާ ބަޔާނެއްގައި ސޮއިކުރުމުން ކަމަށެވެ. އެގޮތަށް ހަމަޖައްސާފައި ވަނީ ހުކުމް އިއްވުމަށްފަހު ބަޔާންތަކުގައި ސޮއިކުރަން މީހުން ކޯޓަށް ހާޒިރުކުރުމުގައި ދަތިތަކެއް ހުރުމުން ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ފިޔާޒު މައްސަލާގައި ހުކުމް އިއްވަން ތާވަލްކުރިޔަސް ހުކުމް އިއްވާނީ ބަޔާންތަކުގައި އެންމެން ސޮއިކުރުމުން ކަމަށް ގާޒީ ވިދާޅުވިއެވެ.

އެންމެ ބޭއްވި އަޑުއެހުމުގައި އޮތީ ޚުލާސާ ބަޔާން ހުށަހެޅުމެވެ. ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޕޮލިސް ކޯޕްރަލް މުހައްމަދު ޝާހީންގެ މޭމަތީގައި ފިޔާޒު ޖެހިކަން ދެ ފުލުހުންގެ ހެކިބަހުން އެނގޭ ކަމަށެވެ.

ބަންދުކޮށްފައިވާ ސަރަހައްދުގައި ހުއްޓަައި އެ ސަރަހައްދު ދޫކޮށް ދިޔުމަށް އެންގުމުން ފިޔާޒު ނުދާން އުޅުނުކަން ހެކީންގެ ހެކިބަހުން އެނގޭ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ފިޔާޒުގެ ގާނޫނީ ވަކީލާ ވިދާޅުވީ އެ ދައުވާ އަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާވެފައިވާ ދައުވާއަކަށްނުވާތީ ދައުވާ އަށް އޭނާ އިންކާރުކޮށްފައިވާ ކަމަށެވެ.

ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުގައި ދިމާނުވާ ކަންތައްތަކެއް ހުރި ކަމަށް ވަކީލާ ވިދާޅުވިއެވެ.

ޝާހީން ޝަރީއަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ބަލާއިރު، އޭނާގެ ގައިގައި ފިޔާޒު ޖެހިގޮތެއް އޭނާއަށް ބުނެދެވިފައިނުވާ ކަމަށް ވަކީލާ ވިދާޅުވިއެވެ.

އެ ހާދިސާއާ ގުޅިގެން ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ ވަނީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައެވެ.