10 Aug 2017, 12:17
އެމްއެމްއޭ އިން އާންމުންނަށް ވަކިލާރި ލިބޭނޭ މަގު ފަހިކޮށްދިނުމުގެ ގޮތުން "ކޮއިން ޑިސްޕެންސިވް ވެންޑިން މެޝިނެއް" ތައާރަފް ކޮށްފިއެވެ.
މިއަދު އެމްއެމްއޭއިން ފަސްރުފިޔާގެ އާ ނޫޓް ރަސްމީކޮށް ބޭނުންކުރުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު ޑރ އަޒީމާ އާދަމް ވަނީ މި ވަކިލާރި ނެގޭ މެޝިން ތައާރަފް ކޮށްދީފައެވެ.
އަޒީމާ ވިދާޅުވީ، ކުރިން 8:30 އިން 11:00 އަށް ވަކިލާރި ލިބެން ހުރިނަމަވެސް މިހާރު ރަސްމީ ގަޑިތަކުގައި މި މެޝިނުން ވަކިލާރި އާންމުންނަށް ލިބެން ހުންނާނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ކޮއިން ޑިޕޮސިޓް މެޝިން ބެހެއްޓުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އަޒީމާ ވިދާޅުވިއެވެ.
"ވަކިލާރި ނޫޓަށް ބަދަލުކުރުން ތަންކޮޅެން އުދަގޫވާތީވެ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކޮއިން ޑިޕޮސިޓް މެޝިނެއްވެސް ފަސޭހައިން ޑިޕޮސިޓް ކުރެވޭކަހަލަ ތަނެއްގަ ބަހަށްޓަން. އޭރުން އެމްއެމްއޭއަށް ނައިސް ޑިޕޮސިޓް ކޮށްލެވޭގޮތަށް،" އަޒީމާ ވިދާޅުވިއެވެ.
އެމްއެމްއޭގެ ކަރަންސީ ސެކްޝަންގެ މެނޭޖަރު އައިމިނަތު ޝަހީދާ ވިދާޅުވީ މި މެޝިން ބެހެއްޓުމުގެ އެންމެ ބޮޑު މަގުސަދަކީ ވަކިލާރި ދައުރުވާލެއް މަދުވުމުން ކޮންމެ ދުވަހަކުވެސް ވަކިލާރި ހޯދުމަށް އެމްއެމްއޭއަށް ގިނަބަޔަކު ދާތީ، އާންމުންނަށް އެކަން ފަސޭހަކޮށްދިނުމަށް ކަމަށެވެ.
ކޮއިން ޑިޕޮސިޓް މެޝިނުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކައިރި މުސްތަގުބަލެއްގައި އެ މެޝިން ބެހެއްޓޭނެ ކަމަށްވެސް ޝަހީދާ ވިދާޅުވިއެވެ. ނަމަވެސް އެ މެޝިން ބަހައްޓަން ހަމަޖެހިފައިވާ ތަނެއް އަދި ޔަގީންނުވާކަމުގައި ޝަހީދާ ވިދާޅުވިއެވެ.
"ކޮއިން ޑިޕޮސިޓް މެޝިން އިތުރު ތަނެއްގައި ބެހެއްޓުމަކަށް އަދި ގެނައުމަކަށް އަދި ޕްލޭން ކުރެވިފައެއްނެތް. ދެން މިއަށްލިބޭ ސަޕޯޓަކަށް ބަލާފަކަންނޭގެ ތިކަހަލަ ޑެޒިޝަނަކަށް ދާން އެމެއެމްއޭއިން ވިސްނާނީ،" ޝަހީދާ ވިދާޅުވިއެވެ.
ދުވާލަކު ގާތްގަނޑަކަށް 25އާއި 30 އާ ގާތްކުރާ އަދަދަކަށް އާންމުންނާއި ވިޔަފާރިވެރިން އެމްއެމްއޭއަށް ވަކިލާރި ހޯދުމަށް އަންނައިރު، އަލަށް ބެހެއްޓި މެޝިނުގެ ސަބަބުން ބޮޑުލުޔެއް ލިބިގެންދާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.
ތިމާވެށްޓަށް އިސްކަންދިނުމުގެ ގޮތުން، މި މެޝިނުގައި ބޭނުންކުރަންޖެހޭ ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ފޮތިކޮތަޅު އެމްއެމްއޭއިން ފޯރުކޮށްދޭނެ ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.