22 Jul 2011, 11:20
ލޯކަލް ކައުންސިލްތަކުގެ ތެރެއިން ޑީއާރުޕީގެ އަޣުލަބިއްޔަތު އޮންނަ ހއ. ފިއްލަދޫ ކައުންސިލްގެ ރައީސްގެ މަގާމުން އެޕާޓީގެ މެމްބަރު، މުހައްމަދު ވިޖަން ވަކިކުރި މައްސަލަ ދިރާސާކުރަމުންދާ ކަމުގައި ޑީއާރްޕީން ބުނެފި އެވެ.
އެޕާޓީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ، ވިޖަންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް އެ ކައުންސިލުގައި ހިމެނޭ ޑީއާރުޕީގެ މެމްބަރަކާއި އެމްޑީޕީގެ މެންބަރުންނާއި ގުޅިގެން ނަގާފައިވާކަމަށްބުނެ އެކަމާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދި މުހައްމަދު ވިޖަން ޑީޢާރުޕީ ކައުންސިލަށް ހުށަހަޅާފައިވާ މައްސަލަ އިތުރަށް ދިރާސާކުރުމަށް ޕާޓީގެ ކައުންސިލުން ރޭ ބޭއްވި ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.
"..މި މައްސަލައާއި ބެހޭ ގޮތުން ކައުންސިލްގައި މަޝްވަރާކުރުމަށް ފަހު ނިންމެވީ މި މައްސަލަ އާއި މެދު ގޮތެއް ނިންމެވުމުގެ ކުރިން މުޙައްމަދު ވިޖަން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށްޓަކައި، މިކަމާއި ބެހޭ މަޢުލޫމާތު ހޯދުމަށް ކައުންސިލްގެ ތިން މެންބަރުންގެ މައްޗަށް ހިމެނޭ ދާއިމީ ކޮމެޓީއެއް އެކުލަވާލާއި އަދި އެ ކޮމިޓީ އަށް އެ މައްސަލަ ހުށަހެޅުމަށެވެ،" ޑީއާރްޕީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އަދި އެކިއެކި ދާއިރާތަކުން މިގޮތަށް ހުށަހަޅާފައިވާ މައްސަލަތަކާއި، އަދި ކުރިއަށް އޮތްތަނުގައި ހުށަހަޅައި އެފަދަ އެހެން މައްސަލަތައް ވެސް ކައުންސިލަށް ހުށަހެޅުމުގެ ކުރިން އެ ކޮމިޓީން މައުލޫމާތު ހޯދާ ދިރާސާ ކުރުމަށް ފަހު ޕާޓީގެ ކައުންސިލަށް ހުށަހަޅާ ގޮތަށް ވެސް ރޭ ކައުންސިލުން ނިންމާފައިވާ ކަމުގައި ޑީއާރްޕީން ބުނެ އެވެ.
ވިޖަން މަގާމުން ދުރުކޮށްފައިވަނީ، ހއ. ފިއްލަދޫގައި ބަޔަކު ބަކަރިތަކަކާ އެކު ގުޅުން ހިންގި ކަމަށް ބުނެ، ބަކަރިތަކުގެ ވެރިފަރާތާ ހަވާލާދީ މީޑިޔާ އަށް މައުލޫމާތު ދެއްވި މައްސަލާގައި އެވެ.