10 Aug 2017, 10:27
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ނަމުގައި ރައްޔިތުންގެ އަތުން އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލައެއް ފެންމަތިވެފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
ވެމްކޯގެ ވޭސްޓް ކަލެކްޝަން ސާރވިސްގެ ޚިދުމަތް ހޯދަމުންދާ ފަރާތަތަކުގެ އަތުން، ވެމްކޯގެ ނަމުގައި ބަޔަކު ފައިސާ ނަގަމުންދާކަމަށް ބުނެ އާންމު ފަރާތްތަކުން ހުށަހަޅަމުންދާ މައްސަލަތަކާ ގުޅިގެން އެ ކުންފުނިން ބުނީ، ވެމްކޯގެ ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން ފައިސާ ނަގާނީ ޚިދުމަތް ހޯދަން ފަށާތާ މަހެއް ވުމުން ކަމަށެވެ.
މާލޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއިން ރަސްމީކޮށް ފަށާފައި ވާއިރު، ކޮންމެ މަހަކުވެސް ގޭބިސީއަކުން ނަމަ 150 ރުފިޔާ އަދި ގޭގެ ވެރިފަރާތުން އިމާރާތް އެއްކޮށް ރަޖިސްޓްރީ ކުރައްވާފައި ވާނަމަ، ކޮންމެ ބަޔަކުން 100 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ވެމްކޯއިން ބުނީ، އެކުންފުނީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް، މަސް ނިމުމުން އެ ކުންފުނީގެ ނިޝާން ޖަހާފައިވާ ބިލް ގޭބިސީތަކަށް ފޯރުކޮށްދޭނޭ ކަމަށެވެ.
"ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނި 9:00އިން ހަވީރު 4:00އަށް ބިލް ފައިސާ ބަލައިގަތުން ވެމްކޯގެ ހެޑް އޮފީހާއި، އިންޑަސްޓްރިއަލް ވިލެޖުން ކުރިއަށް ގެންދިއުމަށޤ ވަނީ ހަމަޖެހިފައ،" ވެމްކޯއިން ބުންޏެވެ.
މީގެ އިތުރުން، ކުންފުނީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އޮންލައިންކޮށް، ނުވަތަ އެފަދަ އެހެން ވަސީލަތެއް މެދުވެރިކޮށް ފައިސާ ދެއްކުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރަމުން ދާކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯގެ ނަމުގައި، ގޮތްނޭނގޭ ބަޔަކު ގޭގެއަށް ގޮސް، ބިރުދައްކައިގެން ފައިސާއާއި އެހެނިހެން ތަކެތި ހޯދާކަމަށް ބުނެ، ސޯޝަލް މީޑިއާތަކުގައިވެސް ދަނީ ވާހަކަތަކެއް ފެތުރެމުންނެވެ. އެހެން ނަމަވެސް އެފަދަ ކަމެއް ރިޕޯޓުކޮށްފައި ނުވާކަމަށް މޯލްޑިވެސް ޕޮލިސް ސާރވިސްއާއި ވެމްކޯއިން ވެސް ވަނީ ބުނެފައެވެ.
"ވެމްކޯގެ ނަމުގައި އާންމުންނަށް ބިރުދައްކައި، ފައިސާ ނަގާކަމަށް ސޯޝަލް މީޑިއާގައި ހިއްސާކުރެވެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް، ދޮގު ވާހަކަތަކެއް،" ވެމްކޯއިން ބުންޏެވެ.