ދޯހާ(އޮގަސްޓް 10): ރާއްޖެ ހިމެނޭ ގޮތަށް 80 ގައުމެއްގެ ރައްޔިތުންނަށް ވިސާއާ ނުލައި ގަތަރަށް ދެވޭނެ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީ (އެމްއޯއައި) އާއި ގަތަރު ޓުއަރިޒަމް އޮތޯރިޓީން އިއުލާންކޮށްފި އެވެ.

ގަތަރު އެއާވެސް އިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެލިސްޓުގައި ހިމެނޭ ގައުމުތަކުގެ ރައްޔިތުން ދެން ވިސާއަށް އެދޭކަށް ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި މުއްދަތު ހަމަވާން ހަ މަހަށް ވުރެ އިތުރަށް ދުވަސް އޮތް ޕާސްޕޯޓަކާއި ފްލައިޓް ޓިކެޓެއް ދެއްކުމުން އެގައުމުތަކުގެ ރައްޔިތުންނަށް ހިލޭ ޓުއަރިސްޓް ވިސާއެއް ލިބޭނެ އެވެ.

އެލިސްޓުގައި ހިމެނޭ 33 ގައުމެއްގެ ރައްޔިތުންނަށް ވިސާއާ ނުލައި ގަތަރުގައި 180 ދުވަސް ހޭދަ ކުރެވޭނެ އެވެ. އެލިސްޓުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ފިންލެންޑް، އިޓަލީ، ޖަރުމަނު އަދި ސްޕެއިން ފަދަ ގައުމުތައް ހިމެނެ އެވެ. އަދި ރާއްޖެއާއި އިތުރު 46 ގައުމަކަށް ވިސާއާ ނުލައި ގަތަރުގައި 30 ދުވަސް ހޭދަ ކުރެވޭނެ އެވެ.

"(އެގައުމުތަކުގެ ރައްޔިތުންނަށް) ވިސާއާ ނުލައި ގަތަރަށް ވަދެވޭ ގޮތް ހެދުމުން މިގައުމަކީ މިސަރަހައްދުގައި އޮތް އެންމެ ހުޅުވިފައިވާ ގައުމަށް ވެގެންދާނެ،" ގަތަރު ޓުއަރިޒަމް އޮތޯރިޓީގެ ޗީފް ޓުއަރިޒަމް ޑެވެލޮޕްމެންޓް އޮފިސަރު ހަސަން އަލް އިބްރާހިމް ވިދާޅުވި އެވެ.

ސައުދީ އަރަބިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި މިސްރު ފަދަ ގަލްފުގެ ގައުމުތަކުން މިދިޔަ ޖޫން މަހު ގަތަރާ އެކު އޮތް ގުޅުން ކަނޑާލި ފަހުން އެގައުމުން ވަނީ ގަލްފުގެ ގައުމުތައް ނޫން އެހެން ގައުމުތަކާ އޮތް ވިޔަފާރީގެ އަދި ޑިޕްލޮމެޓިކް ގުޅުންތައް ވަރުގަދަ ކުރަން މަސައްކަތް ފަށައިފައެވެ.

ސައުދީ އަރަބިއާއިން ގަތަރާ ގުޅުން ކަނޑާލައި ދެގައުމުގެ މެދުގައި ދަތުރު ފަތުރުކުރުން ހުއްޓާލީ ގަތަރުން ޓެރަރިޒަމަށް ފަންޑު ކުރާނެ ކަަމަށް ބުނެ އެވެ. ނަމަވެސް ގަތަރުން ވަނީ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި ކުވެއިތުން ދަނީ އެގައުމު އިސްވެ އޮވެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޓެރަރިޒަމާއި ހައްދުފަހަނަ އަޅައިދިއުމަށް މަގުފަހިވާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުންކަމަށް ބުނެ ރާއްޖޭންވެސް ވަނީ ގަތަރާ އެކު ވެފައިވާ 33 އަހަރުވީ ސިޔާސީ ގުޅުން ކަނޑައިލައިފައެވެ.