10 Aug 2017, 09:30
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ ހިދުމަތްތަށް ފުޅާކޮށް ހަރުދަނާ ކުރުމުގެ ގޮތުން އައިޖީއެމްއެޗުން ހިދުމަތް ހޯދާ އަޑުއިވުމުން މަހްރޫމް ވެފައިވާ މީހުންނާ ވާހަކަދެއްކުމަށް އެ ހޮސްޕިޓަލުގެ މުވައްޒަފުން ސައިން ލޭންގުއޭޖް ދަސްކުރަން ފަށައިފިއެވެ.
އައިޖީއެމްއެޗުން ބުނީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަކީވެސް އެއްވެސް ކަހަލަ ހުރަހެއްނެތި ހޮސްޕިޓަލް މުވައްޒަފުންނާ މުއާމަލާތްކުރެވި އަދި ބޭނުންވާ ހިދުމަތްތައް އިތުބާރާ ޔަގީން ކަމާއެކު ހޯދޭނެ ބަޔަކަށްހެދުމަކީ އެ ހޮސްޕިޓަލުގެ މައިގަނޑު މަގްސަދު ކަމަށެވެ.
އެގޮތުން ނޭޝަނަލް ހެލްތު ކެއާ އެކެޑެމީއާ ގުޅިގެން އެ ހޮސްޕިޓަލުގެ 20 މުވައްޒަފުންނަށް ސައިން ލޭންޖުއޭޖް ޕްރޮގްރާމެއް އިއްޔެ ވަނީ ފަށާފައެވެ. މިއީ މިފަދަ ޕްރޮގްރާމެއް އައިޖީއެމްއެޗްގައި ހިންގާ ފުރަތަމަ ފަހަރެވެ.
މިމަހުގެ 23 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ސަބަބުން އަޑުއިވުމުން މަހްރޫމް ވެފައިވާ މީހުންގެ ތެރޭން ހޮސްޕިޓަލުން ހިދުމަތް ހޯދަންދާ މީހުންނަށް ތިންވަނަ ފަރާތެއް މެދުވެރި ނުކޮށް މުއާމަލާތް ކުރުމަށް ފަސޭހަ ކޮށްދެވޭނެއެވެ.
އޭގެ އިތުރުން، އެ ހޮސްޕިޓަލުގެ އެކި ހިސާބުތަކުގައި ބެހެއްޓިގެންދާ ޓީވީ ތަކުން ސިއްހީ މައުލޫމާތު ހިމެނޭ މެސެޖްތައް އަޑުއިވުމުން މަހްރޫމް ވެފައިވާ ބޭފުޅުންނަށް އެނގޭނެ ހެން ދެއްކިގެންދާނެއެވެ.
އައިޖީއެމްއެޗުން ބުނީ، އެ ތަމްރީން ޕްރޮގްރާމް ނިމިގެންދާއިރު ތަމްރީން ލިބޭ މުވައްޒަފުން އެކަމަށް ހާއްސަ ތަމްރީން ލިބިފައިވާ މީހެއްކަން އަންގައިދޭ ނިޝާނެއް ބޭނުން ކުރާނެއެވެ. އަދި ހޮސްޕިޓަލަށް ވަޑައިގަންނަވާ އަޑުއިވުމުން މަހްރޫމް ވެފައިވާ މީހަކު ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި ތަމްރީން ލިބިފައިވާ މުވައްޒަފަކު ހަމަޖައްސައިދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.