އަނިޔާވެރިގޮތަކަށް ވަޅިން ހަމަލާދީ އަވަހާރަކޮށްލި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރަޝީމް އަލީ އާއި ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލަ 'ރަނގަޅަށް ބެލުމަށް' ހާއްސަ ޓީމެއް އެކުލަވާލައި މަސަތްކަތް ފަށާފައިވާ ކަމަށް ސްޕުރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް ވިދާޅުވެއްޖެ އެވެ.

އިސްކަންދަރުކޮށީގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ ބޮޑެތި މައްސަލަތައް ތަހްގީގު ކުރުމަށް މޭޖާ ކުރައިމް މެނޭޖްމަންޓް ސެންޓަރެއް ގާއުމްކޮށްފައިވާ ކަމަށާއި އެ ސެންޓަރު މެދުވެރިކޮށް އަފްރާޝިމާއި ރިލްވާންގެ މައްސަލަ ބަލާނެ ކަމަށެވެ.

"ކޮމިޝަނާ އޮފް ޕޮލިސް ވަނީ އަފްރާޝިމްގެ ކޭސް ވެސް އަދި ރިލްވާންގެ ކޭސްއަށް ވެސް ހާއްސަ ޓީމެއް ނަންގަވާފައި އެ ކޭސް ރަނގަޅަށް ބެލުމަށްޓަކައި. މިހާރަށް ވުރެން ރަނގަޅަށް ބެލުމަށް މަސަތްކަތްތަކެއް ކުރުމަށް ހާއްސަ ޓީމުތަކެއް ނަންގަވައި އެ މަސަތްކަތް ހަވާލުކުރައްވާފައި،" މޭޖާ ކުރައިމް މެނޭޖްމަންޓް ސެންޓަރުގެ މެނޭޖަރު ޝަމީމް ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ---

ޝަމީމް ވިދާޅުވީ އެ ސެންޓަރުގައި ހާއްސަ އިންޓަލިޖެންސް ޓީމަކާއި ހާއްސަ ޓެކްޓިކަލް ރެސްޕޯންސް އެންޑް އޮޕަރޭޝަން ޓީމަކާއި ބޮޑެތި މައްސަލަތަށް ތަހުގީގު ކުރުމުގައި ޕޮލިހުގައި ފުންނާބު އުސް އޮފިޝަރުންގެ މައްޗަށް އެކުލެވޭ ތަހުގީގު ޓީމަކާއި ހައިޓެކް އެންޑް ފޮރެންސިކް އެކްސްޕާޓުންގެ ޓީމެއްގެ އިތުރުން ޕީޖީއާ ގުޅިގެން މަސަތްކަތް ކުރެވޭނެ ޓީމެއް ހިމެނޭ ކަމަށެވެ.

ޝަމީމް ވިދާޅުވީ މޭޖާ ކުރައިމް މެނޭޖްމަންޓް ސެންޓަރު ތަރައްގީ ކުރުމަށް 62 މިލިއަން ރުފިޔާގެ ޕްލޭނެއް ތައްޔާރުކޮށް ރައީސް އޮފީހަށް ހުށަހަޅާފައިވާނެ ކަމަށާއި މިހާރު އެ ޕްރޮޕޯޝަލަށް އާބަސް ލިބިފައިވާ ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގަ އެވެ. އެ މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާކުރި ނަމަވެސް މިހާތަނަށް ކުށް ސާބިތުވެ ހުކުމްކޮށްފައި ވަނީ ހ. ލޮބީ، ހުސެއިން ހުމާމްގެ މައްޗަށް އެކަންޏެވެ.

ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭގަ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުންނެވެ.

ރިލްވާނުގެ ގެއްލުވާލި މައްސަލާގައި ބަޔަކު ފުލުހުން ހައްޔަރު ކުރި އެވެ. ނަމަވެސް ފަހުން އެ މީހުން ދޫކޮށްލުމުން، އެ މީހުން ވަނީ ރާއްޖެއިން ފުރައިގެންގޮސްފަ އެވެ.