22 Jul 2011, 11:01
ސަރުކާރުން ހުށަހަޅުއްވާފައިވާ އިގުތިސާދީ ބަދަލުތަކަށް މިހާރު ކިތަންމެ ފާޑުކިޔުމެއް އަމާޒުވި ނަމަވެސް މާލީ ކަންކަމަށް ގެންނަ އެ ބަދަލުތަކުގެ ސަބަބުން އެންމެފަހުން ފަސޭހަވެގެން، ފައިދާވެގެންދާނީ މުޅި ރައްޔިތުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް ނަޝީދު ދެއްވި ރޭޑިއޯ ހިތާބުގައި ވެސް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ އިގުތިސާދީ ބިލުތަކާ ގުޅޭ ގޮތުން ވާހަކަދައްކަަމުން އެމަނިކުފާނު ވިދާޅުވީ، އެ ބިލުތަކާ ގުޅޭ ގޮތުން ކިތަންމެ ފާޑުކިޔުމެއް އަދި ކިތަންމެ ބަހުސެއް ހިނގާނެ ކަން ގަބޫލުކުރައްވާ ކަމަށާއި އެއީ އެކަން ހިނގަން ޖެހޭ ގޮތް ކަމަށެވެ. ނަމަވެސް، މާލީ ނިޒާމަށް އެބަދަލުތައް ގެނައުމަކީ ހަމައެކަނި ރާއްޖޭގައި ކުރާ ކަމެއް ނޫން ކަމަށާއި ކުދި އަދި ބޮޑެތި ގައުމުތަކުގައި ވެސް އެކަންކަން ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި "ރާއްޖެ ބަދަލުވާން އަދި މާއަވަހޭ" ގިނަ ފަރާތްތަކަކުން ބުނަމުންދިޔަ ނަމަވެސް، އެންމެފަހުން އިގުތިސާދަށް ގެންނަ ބަދަލުތަކުގެ ފައިދާ ކުރާނީ ހުރިހާ ރައްޔިތުންނަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އަބަދުވެސް ފެންނަމުންދާ، އިވެމުންދާ ވާހަކަތަކެއް އެއީ، ރާއްޖެ ބަދަލުވާން އަދި މާއަވަހޭ. ރާއްޖޭގެ ސިޔާސީ ނިޒާމަށް ބަދަލުގެންނާންވެސް މިއީކީއެއް ވަގުތެއް ނޫނޭ. އަދި މާއަވަހޭ. އަޅުގަނޑުމެން އެ ބަސްތައް އަޑުއަހަމުން ގެންދިޔައީމު ވަރަށްގިނަ ދުވަސް ވަންދެން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެނގެމުން މިއަންނަ ހަގީގަކީ، ސިޔާސީ ނިޒާމް ބަދަލުވީމާ، އެ ގެނެވުނު ބަދަލުގެ އެންމެބޮޑު ފައިދާއެއް ނުވަތަ އެ ބަދަލުގެ ސަބަބުން އެންމެބޮޑު ރަނގަޅެއް ހަގީގަތުގައި ވަމުން މިދަނީ، މީގެކުރީގައި އެ ބަދަލުތަކަށް އިންކާރުކުރި ބޭފުޅުންނަށޭ، އެ ފަރާތްތަކަށޭ. އަޅުގަނޑަށް ހަމަކަށަވަރު، މާލީ ކަންކަމާ ގުޅޭގޮތުން މިގެނެވޭ ބަދަލުތަކުގެ ސަބަބުންވެސް ފަސޭހަވެގެން، ފައިދާވެގެންދާނީ މުޅި ރައްޔިތުންނަށް. އެހެންވީމާ، ހުރިހާ ބޭފުޅުންނަށްވެސް އޭގެ ރަނގަޅު އަސަރު ފޯރައިގެންދާނެ،" މިއަދު ދެއްވި 107 ވަނަ ރޭޑިއޯ ހިތާބުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މަޖިލީހަށް ފޮނުވާފައިވާ ޓެކްސްގެ ބިލުތަކާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިމިވާ އިގުތިސާދީ ބަދަލުތަކަކީ، ވަރަށް ބޮޑެތި ބަދަލުތަކެއް ކަމަށާއި އެ ބަދަލުތައް ގެނައުމުން "އާންމު ހާލަތު ރަނގަޅު ކުރުމަށް ފަހިކޮށްދޭނޭ އިގުތިސާދަކަށް ވެގެންދާނޭކަމީ ޝައްކެއް ހިނގާ ކަމެއް ނޫން" ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މިދާ އެތެރެކުރާއިރު ނަގައި އިމްޕޯޓް ޑިއުޓީގެ ސަބަބުން ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ އުނދަގޫ ރަނގަޅުކުރުމަށްޓަކައި އެ އުސޫލުން ޓެކްސް ނެގުން ހުއްޓާލުމަށްފަހު، މުދާ ވިއްކާއިރުގައި ޓެކްސްއެއް ނެގުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެއީ، ތިން ޕަސެންޓްގެ ކުޑަ މިންވަރެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. "ސަރުކާރު ދެކެނީ، މި ބަދަލު ގެނައިމާ، ވިޔަފާރިވެރިންނަށްވެސް އަދި ރައްޔިތުންނަށްވެސް އޭގެ ސަބަބުން ކިތަންމެ ލުޔެއް ފޯރާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ އާމްދަނީން ނެގޭ ޓެކްސްގެ ބިލަށް ބައްލަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ޓެކްސް ނެގެނީ މަހަކު 30،000ރ. އަށް ވުރެ މަތިން އާމްދަނީ ލިބޭ މީހަކަށް އެ އާމްދަނީ އަށް ވުރެ އިތުރަށް ލިބޭ އާމްދަނީން ނެގޭ ކުޑަކުޑަ މިންވަރެއް ކަމަށެވެ.
"އެއީ، ތިން ޕަސެންޓާއި ފަނަރަ ޕަސެންޓާ ދެމެދު. ހަނދުމަފުޅު ބަހައްޓަވާތި، އެއީ 30،000ރ. އަށް ވުރެ މަތިން ލިބުނީމާ، އެ 30،000ރ.ގެ އިތުރަށް ލިބޭ ފުރަތަމަ ރުފިޔާއިން ފެށިގެން ނެގޭ ޓެކްސެއް. ހަގީގަތުގައި 30،000ރ. އާއި 60،000ރ.އާ ދެމެދު މަހެއްގެ މައްޗަށް އާމްދަނީ ލިބޭ މީހަކު، ސަރުކާރަށް ދައްކަން ނުޖެހޭނެ ހައެއްކަ ސަތޭކަ ރުފިޔާވެސް. މިއީކީއެއް އެއްވެސް ހާލެއްގައި، އެފަދަ އާމްދަނީ ލިބޭ މީހުންނަށް ދަތިވެގެންދާނެ ޓެކްސެއް ނޫން،" ރައީސް ވިދާޅުވި އެވެ.
އަދި ހަމަ އޭގެއިތުރުން، ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ ސަރުކާރަށް ލިބެން ފެށުމުން، މިހާރު ސަރުކާރުގެ ޑެފިސިޓް ނުވަތަ އާމްދަނީއަށްވުރެ ހަރަދު ބޮޑުވެފައިވާ ބައި ފޫބެއްދުމަށް، ޓްރެޒަރީ ބިލް ވިއްކައިގެން، ބޭންކްތަކުން ނަގަމުން އަންނަ ފައިސާ ނެގުން ހުއްޓިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ، ބޭންކްތަކުގައި އަމިއްލަ ވިޔަފާރިތަކަށް ދޫކުރާނެ ފައިސާ އިތުރަށް ހުންނާނެ. އަމިއްލަ ވިޔަފާރިތަކަށް ފައިސާ ލިބެން ފެށުމުން، އެ ވިޔަފާރިތަކުގެ ހަރުދަނާކަމާއި އަދި ވިޔަފާރިތައް ކުރިއަށްދާ މިންވަރު، ހަމަކަށަވަރުންވެސް މަތިވެގެންދާނެ. އެއާއެކީގައި ވަޒީފާގެ ފުރްސަތުތައް، އާންމު ރައްޔިތުންނަށް ހުޅުވިގެންދާނެކަމީ އަޅުގަނޑުމެން ޝައްކުކުރާ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.
މި ޓެކްސް ބިލްތަކުގެ އިތުރުން ބިމާބެހޭ ގާނޫނަށް ގެންނާންޖެހޭ ބަދަލުތަކަކާއި އަދި ޕާޓްނަރޝިޕް ވިޔަފާރިއާއި އަދި ކޯޕަރޭޓް ވިޔަފާރިއާއި އަދި އެހެންވެސް ވިޔަފާރީގެ ކަންކަމާ ގުޅުންހުރި އެންމެހާ ކަންކަމާ ގުޅޭ ބިލުތަކެއް ސަރުކާރުން ހުށަހަޅައިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
"ސަރުކާރުން ދެކެނީ، މިކަމުގައި ރައްޔިތުން ލޯ ހުޅުވި އަދި ވިސްނި، މައުލޫމާތު އެނގި، ރައްޔިތުން ބޭނުންވާ ގޮތްތައް ފާހަގަވެގެންދާނެ ކަމަށް. ސަރުކާރުން ދެކެނީ، ރައްޔިތުންގެ މަޖިލީހުން މިކަމުގައި އަމަލު ކުރާނީ ފުން ވިސްނުމާ އެކީގައި. މީގެ ސަބަބުން ދައުލަތަށާއި، ރައްޔިތުންނަށާއި ސަރުކާރަށް ލިބެންހުރި ފައިދާތަކަށް ވިސްނައި، މި ރާއްޖޭގެ ކުރިއެރުމާއި، މި ރާއްޖޭގެ ތަނަވަސްކަމަށް ފަހިވާގޮތަށް މަޖިލީހުގެ މެންބަރުން އަމަލު ކުރައްވާނެ ކަމަށް." ރައީސް ވިދާޅުވި އެވެ.