09 Aug 2017, 19:38
ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން އޭނާ ހައްޔަރުކުރީ މަންމަ ގޮވައިގެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އުޅެނިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.
ސައުދުގެ މަންމަ، ގއ. ވިލިނގިލީ، އަޅިވިލާގޭ، ނާސިރާ އަހުމަދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުގެންދެވި އުޅެނިކޮށް، ހާލުބޮޑުވެގެން މިދިޔަ އާދީއްތަ ދުވަހު ވަނީ އަވަހާރަވެފަ އެވެ. މަންމަގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށްފަހު ސައުދު ވަނީ ހަމަ އެ ދުވަހު އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.
ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސައުދު ވަނީ އޭނާގެ މަންމަ އަވަހާރަވުމާ ގުޅިގެން އޭނާގެ އުދާސްތައް ބަންޑުންކޮށްލާފަ އެވެ.
ސައުދު ވިދާޅުވީ މަންމަ ގޮވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އުޅުނީ މަންމަގެ ގުނަވަނެއް ބަދަލުކުރުމަށް ކަމަށާއި ނަމަވެސް ހައްޔަރުކުރުމުން އެކަން ނުވެ ހުއްޓި، މަންމަ މި ދުނިޔެއާ ވަކިވެގެން ދިޔައީ ކަމަށެވެ.
"މަންމަގެ ބޭސްފަރުވާގައި އަޅުގަނޑަށް އެހީތެރިކަން ނުދެވި ހުއްޓައި އެ ނިކަމެތި މަންމަ މިދުނިޔެއާ ވަކިވެގެން ދިޔައީ،" ސައުދު ވިދާޅުވި އެވެ.
މަންމަގެ ބޭސްފަރުވާގެ ކަންކަމުގައި އެހީތެރިވުމަށް އެންމެ ކުޑަމިނުން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގަތުމުން އެކަން ވެސް ކޮށްދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސައުދުގެ މަންމަ ނިޔާވެފައި ވަނީ ލިވާ ޓްރާންސްޕްލާންޓް ހަދަން ރާއްޖެއިން ބޭރަށް ގެންދަން ނިންމާފައި ވަނިކޮށް، ހާލުބޮޑުވެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ.
ސައުދު ވިދާޅުވީ ފުރަތަމަ ފުލުހުން އޭނާ ހައްޔަރުކުރީ އެހެން މީހެއްގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާތީ ކަމަށާއި އެހެންކަމުން ގިނައިރުތަކެއް ނުކޮށް އެފަހަރު އޭނާ ދޫކޮށްލި ކަމަށެވެ. އަދި އޭގެ ފަހުން އޭނާ ގޭގައި އުޅެނިކޮށް ގެއްލިގެން ހޯދާ މީހެއް ކަމަށް ބުނެ ފުލުހުން އިއުލާންކޮށްފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.
މަންމަ މަރުވުމުން އޭނާ ކުރިމަތިވެފައިވާ ހިތާމަ އާއި މޮޅިވެރިކަމުގެ ހާލަތުގައި އާއިލާއާ ވަކިވެ، ދޫނިދޫ ކުޑަ ގޮޅިއެއްގައި އޭނާ ބާއްވާފައި އޮންނަނީ އިންސާނީ ކަރާމާތަށް އުނިކަން ލިބޭ ގޮތަކަށް ކަމަށް ސައުދު ވިދާޅުވި އެވެ. ސައުދު ވިދާޅުވީ އޭނާ ބަންދުކޮށްފައި ވަނީ ވައި ބަންދުވެފައިވާ ގޮޅިއެއްގައި ކަމަށެވެ.
"އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުމެއް ނެތް. އިންސާނީ ކަރާމާތް ވަނީ ނަގާލާފައި،" ސައުދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ ގާނޫނެއް އޮތަސް ނެތަސް ދައުލަތުން ކޯޓުގައި ވާހަކަދައްކަމުން ދަނީ ދެކޭގޮތެއްގެ މައްޗަށް ކަމަށާއި އެއީ އަސްލެއްގެ މައްޗަށް ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ.
ސައުދު ވިދާޅުވީ އޭނާގެ ގޮނޑި ނުގެއްލޭނެ ކަމަށާއި އޭނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފިކުރުގައި އިންތިޚާބުވެވަޑައިގަތް މެމްބަރެއް ކަމަށާއި އަދިވެސް ހުންނެވީ އެ ފިކުރުގައި ކަމަށެވެ.
އެކަމުގެ ހެއްކަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވިލިނގިލީ ކައުންސިލާއި ވިލިނގިލީ ދާއިރާގެ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރީ އިދިކޮޅު ކެންޑިޑޭޓުން ކާމިޔާބު ކުރުން ކަމަށް ސައުދު ވިދާޅުވި އެވެ.