09 Aug 2017, 19:01
ޕްރިމިއަރ ލީގު ޗެމްޕިއަން ޗެލްސީން އާސެނަލްގެ އިންގްލޭންޑް ތަރި އެލެކްސް އޮކްސްލޭޑް-ޗެމްބަރލެއިންއަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ސްޕޯޓްސްމެއިލްގައި ރިޕޯޓުކޮށްފައި ވާގޮތުން ހުސްވި ހަފްތާގައި ޗެލްސީން ވަނީ، އާސެނަލްގެ އުމުރުން 23 އަހަރުގެ މިޑްފީލްޑަރު 25 މިލިއަން ޕައުންޑުގެ ފީއަކަށް ގަތުމަށް ޝައުގުވެރިކަން ފާޅުކޮށް މަސައްކަތްތަކެއް ފަށައިފައެވެ. އަދި ޗެލްސީ ފުރަތަމަ ހުށަހެޅި އަގަށް އާސެނަލުން ނޫނެކޭ ބުނެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެންޓޯނިއޯ ކޮންޓޭ އޭނާގެ ސްކޮޑް ވަރުގަދަކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާއިރު، ވިންގަކަށް ވެސް ބޭނުންކުރެވޭ ޗެމްބަލެއިންއަކީ، ކޮންޓޭގެ 3-4-3 ސިސްޓަމަށް ވަރަށް ރަނގަޅު ކުޅުންތެރިއެއްކަމަށް ތަޖްރިބާކާރުން ބުނެއެވެ. އެހެންކަމުން އާސެނަލް ރުއްސުމަށް އަދިވެސް ތަންކޮޅެއް ބޮޑު ހުށަހެޅުމަކަށް ޗެލްސީ ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އާސެނަލުން ބޭނުން ވަނީ ޗެމްބަލެއިންގެ މިހާރުގެ ކޮންޓްރެކްޓްގެ ނިޔަލަށް އޭނާ އެ ކްލަބުގައި މިޑުކުރުވުމަށެވެ. އެހެން ނަމަވެސް އާސެނަލާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަަށް ހަމަވާއިރު، ޗެލްސީން ހުށަހަޅާ އަގަކަށް އޭނާ ދޫކޮށް ނުލައިފި ނަމަ، ފްރީ އޭޖެންޓެއްގެ ގޮތުގައި އެހެން ކްލަބަކަށް ދިއުމުގެ ފުރުސަތު ޗެމްބަލެއިންއަށް ލިބޭނެއެވެ. އެހެންކަމުން ޗެލްސީގެ ހުށަހެޅުމުގައި ހިފުމަށް އާސެނަލަށް މަޖްބޫރުކަމެއްވެސް ކުރިމަތިވާނެއެވެ.