09 Aug 2017, 18:42
ދުނިޔޭގެ ރެކޯޑް ފީއަކަށް ބާސެލޯނާއިން ޕީއެސްޖީއަށް ބަދަލުވި ބްރެޒިލް ތަރި ނޭމާ ޖޫނިއަރގެ ޓްރާންސްފަރ ލިޔެކިޔުންތައް ބާސާއިން ނުދޭތީ ނޭމާއަށް އޭނާގެ އާކްލަބަށް ޚިދުމަތްކުރުމަށް އިތުރު އިންތިޒާރުތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ނޭމާ ޕީއެސްޖީއާ ގުޅުނީ، ދުނިޔޭގެ ރެކޯޑް ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށެވެ. އަދި މި ޓްރާންސްފަރއާ އެކު ނޭމާވެސް އަދި ޕީއެސްޖީންވެސް އުންމީދުކޮށްގެން ތިބީ، ފްރާންސް ލީގުގައި އެމިއެންސް ސްޕޯޓްސް ކްލަބާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޕީއެސްޖީ ކުނު މެޗުގައި ނޭމާއަށް ބައިވެރި ވެވޭނޭ ކަމަށެވެ.
ނޭމާއަށް ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި، އެޓީމަށް ކުޅެވޭނީ، ބާސާއިން ލަ ލީގާ މެދުވެރިކޮށް، ނޭމާގެ ޓްރާންސްފަރ ލިޔެކިޔުންތައް ފްރާންސް ލީގަށް ރަސްމީކޮށް ހުށަހެޅުމުންނެވެ. އެހެންކަމުން އެމިއެންސް އަތުން 2-0 ޕީއެސްޖީ މޮޅުވި މެޗު ބަލަން ދަނޑުން ބޭރުގައި ހުރި ނޭމާ ދެން އިންތިޒާރުކުރަމުން އަންނަނީ، އަންނަ ހޮނިހިރު ދުވަހު ލީގުގައި ގެއިންގަމްޕް އާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗަށް ހުރިހާ ކަމެއް ހަމަޖެހޭތޯއެވެ.
ފްރާންސްގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނަށް ހުށަހަޅަން ޖެހޭ، ނޭމާގެ އިންޓަނޭޝަނަލް ޓްރާންސްފަރ ސެޓްފިކެޓް (އައިޓީސީ) އަދިވެސް ހުށަހަޅާފައި ނުވާތީ، ކުރިއަށް އޮތް މެޗުގައި ވެސް ނޭމާއަށް ނުކުޅެވުމުގެ ފުރުސަތު ބޮޑެވެ.
ރިޕޯޓުތައް ބުނާގޮތުން ނޭމާގެ ޓްރާންސްފަރ ލިޔެކިޔުންތައް އަދި މިހާތަނަށް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނަށް ވެސް ބާސާއިން ހުށަނާޅައެވެ.
ފީފާގެ ގަވައިދުގައި ވާގޮތުން ޓްރާންސްފަރ ލިޔެކިޔުންތައް ހޯދަން ހުށަހަޅާތާ 15 ދުވަހުގެ ތެރޭގައި އެ ތަކެތި ހަވާލުކުރާން ޖެހެއެވެ.