ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި ހިންގާ ޝަރީއަތުގައި ދައުލަތުން ވާހަކަދައްކަނީ ޝަރީއަތަށް ކަންކަން އޮޅުވާލައިގެން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގާނޫނީ ވަކީލު އިބްރާހީމް ރިއްފަތު ވިދާޅުވެއްޖެއެވެ.

އަމީތުގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލައާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ރިއްފަތު ވިދާޅުވީ އަމީތު ޕީޕީއެމްގެ މެމްބަރުކަމުން ވަކިވެފައި ވަނީ ގޮނޑި ގެއްލޭ ހާލަތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ފަހުން ކަމަށް ދައުލަތުން ބުނާ ބުނުމަކީ އިންސާނާގެ ހަމަބުއްދި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

އެފަދަ ވާހަކަތަކަކީ ސުޕްރީމް ކޯޓުގެ ހައިބަތަށް އުނިކަން އަންނާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ގޮނޑި ގެއްލޭ ހާލަތްތަކެއް ކަނޑައަޅައި ކުރި ހުކުމުގެ މަގުސަދާ ޚިލާފަށް ދައުލަތާއި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާ ކަމަށާއި އެގޮތަށް އަމަލުކުރަނީ ސިޔާސީ މަގުސަދެއްގައި ކަމަށް ރިއްފަތު ތުހުމަތު ކުރެއްވިއެވެ.

މިއަދު ބޭއްވި އަޑުއެހުމަށް މެމްބަރު އަމީތު ސުޕްރީމް ކޯޓަށް ހާޒިރު ކުރަނީ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެވާހަކަތަކަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެ ތުހުމަތުތަކަކީ އެއްވެސް ބުރަދަނެއް ހުރި ތުހުމަތުތަކެއް ނޫން ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން ޒިންމާ އަދާނުކުރާ ކަމަށް ބުނި ބުނުމުގައި އެއްވެސް ބުރަދަނެއް ނެތް،" ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އަމީތުގެ ވަކީލު ރިއްފަތު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނާގޮތުން އެމީހަކު ނިސްބަތްވާ ޕާޓީއަކުން ފިޔަވަޅު އެޅީމަ ޕާޓީ އިން ވަކިވީ ކަމަށެވެ. އަމީތުގެ މައްސަލައަށް ބަލާއިރު، މާޗް މަހުގެ 29 ވަނަ ދުވަހު ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އިން އޭނާ ވަކިކުރުމަށް ނިންމާފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން އެހެން މައްސަލަތަކެކޭ އެއްފަދައިން ދައުލަތުގެ ވަކީލާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އަމީތުގެ ނަން އުނިކުރީ ހުކުމުގެ ފަހުން ކަމަށާއި ޕާޓީ އިން ވަކިވި ކަމަށް ބެލެވޭނީ އެ ދަފްތަރުން ނަން އުނިކުރުމުން ކަމަށެވެ.

ސިޔާސީ ޕާޓީއަށް ސިޓީ ހުށަހެޅުމުން ޕާޓީ އިން ވަކިވާގޮތަށް އަމަލުކުރަންޖެހޭނަމަ އެކި މެމްބަރުންގެ ނަމުގައި އެހެން ބަޔަކު ޕާޓީގެ އޮފީހަށް ސިޓީ ހުށަހަޅައިގެން ޕާޓީ އިން ވަކިވިކަމަށް ބަލައިފާނެކަމަށާއި އެއީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ޕާޓީ އިން ވަކިކުރިފަހުން ވެސް މަޖިލީހުގެ ޖަލްސާގައި ތިމަންނާ އަކީ ޕީޕީއެމްގެ މެމްބަރެއް ކަމަށް ވިދާޅުވެ އަމީތު ވާހަކަދައްކަވާފައިވާ ކަމަށާއި އޭނާ އަކީ ހުކުމުގެ ފަހުން ޕާޓީ އިން ވަކިކުރުމާ ހަމަޔަށް ޕީޕީއެމްގެ މެމްބަރެއްކަން އެކަމުން ވެސް އެނގޭ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެކަން ސާބިތުކުރުމަށް ދައުލަތުން ވަނީ މަޖިލީހުގައި އަމީތު ދައްކަވާފައިވާ ވާހަކަތަކެއްގެ ޔައުމިއްޔާ ހުށަހަޅާފައެވެ.

ޝަރީއަތުގައި ވާހަކަދައްކަވަމުން އަމީތު ވިދާޅުވީ މާޗް މަހުގެ 29 ވަނަ ދުވަހު ޕާޓީ އިން ވަކިކުރިފަހުން ޕާޓީގެ އެއްވެސް ބައްދަލުވުމަކަށް އޭނާ އަށް ދައުވަތުދީފައިނުވާއިރު، ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގައި ވެސް ބައިވެރިކޮށްފައިނުވާ ކަމަށެވެ.

"ހުކުމުގެ ކުރިން އަޅުގަނޑުވާނީ ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި،" އަމީތު ވިދާޅުވިއެވެ.

އަމީތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިވަޑައިގަތީ އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށް، އޭނާ އަކީ އަދިވެސް މަޑުއްވަރީ ދާއިރާގެ މެމްބަރު ކަމުގައި ކަނޑައަޅައިދިނުމަށެވެ.

އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނަަ އެކަން އަންގާނެ ކަމަށް އިއުލާންކުރެއްވުމަށްފަހުއެވެ.