ޖެންޑާ މިނިސްޓްރީގެ ދަށުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އެމްއެންޑީއެފްގެ ފަރާތުން ލީޑަރޝިޕް ހުނަރުތަކެއް ދަސްކޮށްދީފިއެވެ.

"ވީކްއެންޑް ވިތު އެމްއެންޑީއެފް"ގެ ނަމުގައި ހިޔާގައި ދިރިއުޅޭ 10 އަހަރާއި 18 އަހަރާ ދެމެދުގެ 59 ކުދިންނަށް އެ ޕްރޮގްރާމް ހިންގާފައިވަނީ މިދިޔަ ހަފްތާ ބަންދުގެ ތެރޭގައެވެ.

އެގޮތުން އެ ޕްރޮގްރާމުގައި ތަފާތު ކުޅިވަރާއި ހަރަކާތްތައް މެދުވެރިކޮށް ކުދިންނަށް ލީޑަރޝިޕް، ޓީމް ވޯކް އަދި ލައިފް ސްކިލްސް ދަސްކޮށްދީފައިވެއެވެ.

އޭގެ އިތުރުން އަމިއްލަ ނަފްސަށް އިތުބާރު ކުރުމަށާއި އެހެން މީހުންނަށް އިހްތިރާމް ކުރުމާއި ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކެރިގެން ކުރިމަތިލައި ޒިންމާދާރު ކުދި ބަޔަކަށްވުމުގެ މުހިއްމުކަމަށް ހަރަކާތްތަކެއް ހިންގާފައިވެއެވެ.

އެ ޕްރޮގްރާމް ނިންމުމަށް ގިރިފުށި ޓްރެއިނިން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ދެއްކެވި ވާހަކަފުޅުގައި ކޭމްޕުގެ ހަރަކާތްތައް މެދުވެރިކޮށް ކުދިންނަށް ދަސްވި ހުނަރުތައް ރަނގަޅުގޮތުގައި ބޭނުންކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަދި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ ގާބިލްކަން އިތުރުކުރުމަށް މިނިސްޓްރީން ކުރާ ތަފާތު މަސައްކަތްތަކުގައި އެމްއެންޑީއެފުން ދެއްވާ އެހީތެރިކަމާ އެއްބާރުލުން މިނިސްޓަރު ފާހަގަކުރެއްވިއެވެ.