ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހް (ލޯޔަރު ވައްޑޭ)ގެ ބަންދަށް އިތުރު ހަތަރު ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ވައްޑެގެ ބަންދަށް ހަތަރު ދުވަސް އިތުރު ކޮށްފައިވަނީ ކުރިން އޭނާގެ ބަންދަށް ޖެހި 15 ދުވަހުގެ މުއްދަތު މިއަދަށް ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ވައްޑެ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ސަފު ފޫއަޅުވާލައި ރައްޔިތުންގެ މަޖިލިސް ކުރާ ގެއަށް ވަން ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުގައެވެ.

އޭނާ ހައްޔަރު ކުރަން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލީހުގެ ގޯތިތެރެއަށް ވަން މައްސަލާގައި ކަމަށާއި އޭނާ ހައްޔަރު ނުކޮށް، ބަހައްޓައިފިނަމަ މުޖުތަމައުއަށް ނުރައްކާވެ، ހެއްކަށް ނުފޫޒު ފޯރުވައިފާނެ ކަމަށެވެ. އެ އަމުރުގައި ބުނެފައިވާ ގޮތުން ވައްޑެއަކީ މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް މަޖިލީހުން ކަނޑައަޅާފައިވާ މީހެކެވެ.

އިލެކްޝަންސް ކޮމިޝަނުން ވައްޑެއަކީ ގޮނޑި ގެއްލިފައިވާ މެމްބަރެއް ކަމަށް ކަނޑައެޅުމުން އެ މައްސަލަ ސުޕްރީމް ކޯޓަށްވަނީ ހުށަހަޅައިފައެވެ. އެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި އިއްޔެ ވަނީ ބާއްވައިފައެވެ.