އަރަބިއްޔާ އަދި ގާކޮށި ބިމުގައި ފްލެޓު އެޅުމަށް ހޭދަކުރި ފައިސާ އަނބުރާ ހޯދުމަށް، އެ މަސައްކަތް ކުރި އިންޑިއާގެ ޓާޓާ އަދި 18އެސްޖީ ކުންފުންޏަށް ދިވެހި ސަރުކާރުން ދިން އޯޑިއޯން އަދި ނާދީގެ ބިންތައް އަތުލި މައްސަލައިގައި ބަދަލު ހޯދުމަށް އާބިޓްރޭޝަނަށް ދިއުމަށް ނިންމާފައިވާ ކަމަށް އެކުންފުނިތަކުން ބުނެފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި. 2010 ވަނަ އަހަރު ފްލެޓު އެޅުމަށް ޓާޓާއަށް ގާކޮށްޓާއި އަރަބިއްޔާ ބިން ދިން އިރު، އެތަނުގެ މަސައްކަތްތައް ނިންމައި، ސަރުކާރާ ހަވާލުކުރީ ގިނަ ދުވަސްތަކަކަށް ފަހު، 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

ނާދީއާއި އޯޑިއޯންގެ ބިމުގައި އެއްވެސް މަސައްކަތެއް ޓާޓާއިން ކޮށްފައި ނުވި އިރު، އެކުންފުނިން އެތަންތަނުގެ އަމަލީ މަސައްކަތް ފަށައިގަތީ، މަސައްކަތް ނުފަށައިފިނަމަ އެތަންތަން އަތުލާނެ ކަމުގެ ނޯޓިސް މިއަހަރުގެ ތެރޭގައި ސަރުކާރުން ފޮނުވުމުންނެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޓާޓާއިން ނާދީއާއި އޯޑިއޯންގައި ބިންގާ އެޅިއެވެ. އެހެން ނަމަވެސް އޭޕްރިލް މަހުގެ ތެރޭގައި ހައުސިންގް މިނިސްޓްރީން ވަނީ އެއްބަސްވުން ބާތިލުކޮށް، އޯޑިއޯނާއި ނާދީ ބިން އަތުލައިފައެވެ.

ޓާޓާއާ އެކު މަސައްކަތްކުރި 18އެސްޖީ ގްރޫޕުގެ ވެރިޔާ ސަންޔޮގީތާ އަޓްރޭ ވިދާޅުވީ، ސަރުކާރުން ވަނީ "ބިން ދިނުމަށްފަހު އަތުލާފައި" ކަމަށެވެ.

ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުން، ޓާޓާއިން ވަނީ މި މައްސަލަ ހައްލުކުރަން އާބިޓްރޭޝަނަށް ހުށަހަޅައިފައެވެ. އަދި މައްސަލަ ހައްލުކުރުމަށް ދިވެހި ސަރުކާރާ ވާހަކަދައްކަން ވެސް ހުށަހަޅާފައިވާ ކަމަށް ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވެއެވެ.

މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޭޕްރިލް މަހު ވިދާޅުވީ ސަރުކާރުން ޓާޓާއަށް ގިނަ ލުއިތަކެއް ދިން ކަމަށާއި، ނަމަވެސް ލުއިތަކާ އެއްގޮތަށް ވެސް ޓާޓާއިން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ސަރުކާރަށާއި ޓާޓާއަށް ވެސް ގެއްލުންތަކެއް ލިބޭނެ ފުރުސަތެއް ދިނުމަށް ބޭނުން ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މިހިސާބަށް އައި އިރު އެކަންކަން ނުކޮށް އެރުމުން އެއްބަސްވުން ބާތިލުކުރުމަށް. އެގްރީމެންޓުގައި ހުރި މާއްދާތަކަށް ރިޢާޔަތްކޮށް މިގޮތަށް މިކަން ނިންމައި، މިހާރު ވާނީ އެކަން އެފަރާތަށް އަންގާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް 25 އަހަރު ދުވަހަށް އެތަން ކުއްޔަށް ދިން ދިނުން، 2012 ވަނަ އަހަރު ރައީސް ޑރ. ވަހީދުގެ ސަރުކާރުގައި ވަނީ ބާތިލުކޮށްފައެވެ.

އެ މައްސަލައިގައިވެސް ޖީއެމްއާރުން އާބިޓްރޭޝަނަށް ދިއުމުން ވަނީ، ބަދަލުގެ ގޮތުގައި 271 މިލިޔަން ޑޮލަރު ދިނުމަށް ދިވހެި ސަރުކާރުގެ މައްޗަށް ހުކުމް ކޮށްފައެވެ. އެ ފައިސާ ދިވެހި ސަރުކާރުން މިދިޔަ އަހަރު ވަނީ ދީފައެވެ.