09 Aug 2017, 12:31
ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މުއާސަލާތީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ކުންފުނިކަމަށްވާ އުރީދޫ މޯލްޑިވްސްގެ ހިއްސާ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް ގަނެވިއްކުމަށް ހުޅުވާލައިފިއެވެ.
އުރީދޫން ވަނީ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ގަވާއިދުގައި ވާގޮތުގެމަތިން، އެ ކުންފުނީގެ ހިއްސާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށް، މިއަދުން ފެށިގެން ގަނެވިއްކުމަށް ހުޅުވާލެވޭނޭ ކަމަށް ބުނެފައެވެ.
އުރީދޫން ވަނީ އެ ކުންފުނީގެ އައިޕީއޯ ކާމިޔާބު ކަމާއެކު ނިންމައި، 14،045،260 ހިއްސާ، 8257 ހިއްސާދާރުންނަށް ވިއްކައި، ޖުމްލަ 421،357،800 ރުފިޔާ ހޯދާފައިފައެވެ. އަދި މިފަހަރު ވިއްކާފައިވާ ހިއްސާއަކީ އެ ކުންފުނިން ދޫކޮށްފައިވާ ހިއްސާގެ 9.5 އިންސައްތަކަމަށް އުރީދޫން ބުނެއެވެ.
އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ، ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ލިސްޓެޑް ކުންފުނީގެ ހިއްސާ ދާރުންގެ ގޮތުގައި ގިނަބަޔަކު ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެހެންކަމުން އައިޕީއޯ މެދުވެރިކޮށް ހިއްސާ ބައްލަވައި ނުގަނެވުނު ފަރާތްތަކަށް ސެކަންޑަރީ މާކެޓް ޓްރޭޑިންގ މެދުވެރިކޮށް އުރީދޫއަށް އިންވެސްޓް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އުރީދޫގެ ހިއްސާ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރެވުމާއެކު، އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ލިސްޓެޑް ކުންފުނި، އަދި އެންމެ ބޮޑު ފްރީ ފްލޯޓް އެޑްޖަސްޓެޑް މާކެޓް ކެޕިޓަލައިޒޭޝަން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އޮތް ކުންފުނި،" އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.
"އުރީދޫ މޯލްޑިވްސް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރު ކުރިއެރުންތައް ހޯދަމުން، އަދި މި ކާމިޔާބީގައި އަޅުގަނޑުމެންގެ ހިއްސާދާރުން ބައިވެރިކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގެ ގޮތުން، އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، ހިއްސާދާރުންނަށް އެންމެ ފައިދާ ކުރަނިވި ގޮތުގައި."
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ހަސަން މަނިކު ވިދާޅުވީ، އުރީދޫގެ އައިޕީއޯއަށް ލިބިގެންދިޔަ ކާމިޔާބީއަކީ ރާއްޖޭގެ ކެޕިޓަލް މާކެޓަށްވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"ވަކިން ހާއްސަކޮށް، އައިޕީއޯގައި ރާއްޖޭގެ ގިނަ ހިއްސާދާރުންގެ ބައިވެރިވުން ލިބިގެންދިޔައިރު، އެތަނުން 8,257 ހިއްސާދާރުންގެ ތެރެއިން 6،000 ހިއްސާދާރުންނަކީ ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި އަލަށް ބައިވެރިވި ފަރާތް ތަކަށް ވުމީ ވަރަށް ބޮޑު ކާމިޔާބީ އެއް،" ހަސަން މަނިކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސެކަންޑަރީ މާކެޓް ޓްރޭޑިންގ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް ހިއްސާ ގަނެވިއްކައި ފައިދާ ހޯދުމުގެ ފުރުސަތު މިއަދުން ފެށިގެން ހިއްސާދާރުންނަށް ލިބިގެންދާއިރު، މިކަމުގައި އެމްއެސްއީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނޭ ކަމަށެވެ.
"އުރީދޫ އިން ރާއްޖޭގެ ސްޓޮކް މާކެޓުގައި ބައިވެރިވުމާއެކު، ރާއްޖޭގެ ހިއްސާ ގަނެވިއްކުމުގެ މާޙައުލު އިތުރަށް ރަނގަޅުވެގެން ދާނެކަމަށް އަޅުގަނޑު އުންމީދުކުރަން،" މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްގެ ހިއްސާތައް އެކަށައެޅިފައިވާކަމާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އެކައުންޓުތަކަށް ޖަމާކުރެވިފައިވާކަން އެންގުމަށްޓަކައި އުރީދޫގެ ކޮންމެ ހިއްސާދާރަކަށް މިހާރު ވަނީ ރަސްމީ ލިޔުމެއް ޕޯސްޓުކުރެވިފައެވެ. އަދި އެ ލިޔުން
ހިއްސާދާރުން ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެހަށް ހަފްތާ އެއްތެރޭގައި ލިބިގެންދާނޭ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.