09 Aug 2017, 12:02
ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ވާދަކޮށް އިންތިހާބީ މަގާމަކަށް ހޮވޭ ފަހުން ޕާޓީ ދޫކޮށްލިޔަސް އެ މަގާމު ނުގެއްލޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮތް މާއްދާ ބާތިލުކޮށްދޭން ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
މަޖިލީހުގެ ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިދޭން އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ސުޕްރީމް ކޯޓުގައި ބާއްވާފައެވެ.
އެމައްސަލައިގައި ސުޕްރީމް ކޯޓުގައި ވާހަކަ ދައްކަމުން ދައުލަތުން އެދުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) ބާތިލުކޮށްދިނުމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ)
ގާނޫނުއަސާސީ އާއި ގާނޫނުގައި ވާގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މީހަކު ޕާޓީގެ ސުލޫކީ މިންގަނޑާއި ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައި ވިޔަސް އެމީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމި ހުންނާނެ އެވެ.
އެމައްސަލަ ބާތިލުކޮށްދޭން ދައުލަތުން އެދިފައިވަނީ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިވުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ފުށުއަރާތީ ކަމަށް ބުނެ އެވެ.
އަދި ބުނެފައިވަނީ ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ ގާނޫނުއަސާސީ މާނަ ކުރުމަށް ފަހު ކަމަށާއި އެހެންކަމުން އެމާއްދާ އަކީ އޮންނަންޖެހޭ މާއްދާއެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.