09 Aug 2017, 15:28
އެޑިއުކޭޝަން މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލި 1500 ޓެކްނީޝަނުން ތަމްރީނުކުރުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފެނަކައާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު މިދިޔަ ހޯމަ ދުވަހު ސޮއިކުރި އެ ކޯހަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހުޅުވާލައިގެން އެއްވެސް ފީ އަކާ ނުލައި ކުރިއަށް ގެންދާ ސެޓްފިކެޓް ތިނެއްގެ ކޯހެކެވެ. ކޯހުގެ މުއްދަތަކީ ހަ މަސް ދުވަހެވެ.
އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި މޯލްޑިވްސް ޕޮލިޓެކްނިކުން މިއަދު ކުރި އިއުލާނެއްގައި ބުނާ ގޮތުން، ކޯހުގައި ބައިވެރިވުމުގެ މައިގަނޑު ޝަރުތަކީ ގްރޭޑް ހައެއް ފުރިހަމަ ކޮށްފައިވުން ނުވަތަ ލެވެލް ދޭއްގެ ސަނަދެއް ހާސިލް ކޮށްފައިވުމެވެ.
އެހެނިހެން ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ 18 އަހަރުވެފައިވާ އަދި އިނގިރޭސި އާއި ދިވެހި ބަހުން ލިޔަންކަން ދަންނަ މީހަކަށް ވުމެވެ.
ޕޮލިޓެކްނިކުން ބުނީ، ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާނީ މާލޭގައި ނަމަ މޯލްޑިވްސް ޕޮލިޓެކްނިކަށް ނުވަތަ އެ އިންސްޓިޓިއުޓްގެ މެއިލަށް ކަމަށެވެ.
އަތޮޅު ތެރޭގައިނަމަ ޕޮލިޓެކްނިކުން ކ. ތުލުސްދޫ، އައްޑޫ ސިޓީ، ގއ. ވިލިނގިލި އަދި ރ. އަލިފުށިގައި ހިންގަމުން އަންނަ ކެމްޕަސްތަކަށް ވެސް ހުށަހެޅޭނެ އެވެ.
އަދި އެތަންތަނުން ކޯހަށް ކުރިމަތިލާ ފޯމް ވެސް ލިބޭއިރު، ފެނަކަ ކޯޕަރޭޝަނުން ހިދުމަތް ދެމުން ގެންދާ ބްރާންޗު ތަކަށާއި ރަށު ކައުންސިލް ތަކަށް ވެސް ފޯމް ހުށަހެޅޭނެ ކަމަށް ޕޮލިޓެކްނިކުން ބުނެއެވެ.
އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ ކޯހަށް އެދި ހުށަހެޅުމުގެ އެންމެ ތާރީހަކީ މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، އެ ކޯހަށް ކުރިމަތިލާ ބައިވެރިންނާއެކު ކޯސް ފަށާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.