09 Aug 2017, 10:18
ވޮޝިންޓަން(އޮގަސްޓް 8): އެމެރިކާގެ މިނިސޯޓާގައި ހުރި މިސްކިތެއްގައި އައިއީޑީއެއް ގޮއްވާލި މައްސަލައާ ބެހޭ ގޮތުން އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނު ހުންނެވުން ވައިޓް ހައުސް އިން އެކަން ދިފާއުކޮށްފިއެވެ.
ރައީސް ޓްރަމްޕްގެ ޑެޕިއުޓީ އެސިސްޓެންޓް ސަބޭސްޓިން ގޯކާ ވިދާޅުވި ގޮތުގައި އެހަމަލާއާ ބެހޭ ގޮތުން ވައިޓް ހައުސްއިން ވަކި އެއްޗެކޭ ބުނެފައި ނުވަނީ އެ ހަމަލާއަކީ "އޮޅުވާލުމަކަށް" ވެދާނެތީ އެވެ. އެހެންކަމުން ވައިޓް ހައުސް އިން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާނީ މައްސަލަ ތަހުގީގުކޮށް ނިމުމުން ކަމަށް ގޯކާ ވިދާޅުވި އެވެ.
ނަމަވެސް މިދިޔަ ޖޫން މަހު އިނގިރޭސިވިލާތުގެ ލަންޑަނުގައި ދިން ޓެރަރިސްޓު ހަމަލާ ފަދަ ހަމަލާތަކާ ގުޅިގެން ޓްރަމްޕް ވަނީ ވަގުތުން ޓުވީޓު ކުރައްވާފައި ކަމަށް ގޯކާއާ ސުވާލު ކުރި ނޫސްވެރިން ފާހަގަ ކުރި އެވެ.
އެނޫސްވެރިންނަށް ރައްދު ދެއްވަމުން ގޯކާ ވިދާޅުވި ގޮތުގައި އެފަދަ ހަމަލާތަކަކީ އެއީ ކޮންކަހަލަ ހަމަލާއެއްކަން ވަރަށް ސާފުކޮށް އެނގެން އޮތް ހަމަލާތަކެވެ.
"ފުލުސް އޮފިސަރަކަށް ހަމަލާދޭ އިރު ﷲ އަކުބަރުއޭ ގޮވުމުން، އެއީ ކުށްވެރިންތަކެއް ބޭންކަކުން ވައްކަން ކުރުން ނޫންކަން އެނގޭނެ ދެއްތޯ؟" ގޯކާ ވިދާޅުވި އެވެ.
މީގެ އިތުރުން ގޯކާ ވަނީ މީގެ ކުރިން ބައެއް ފޭކު ހަމަލާތައް ރިޕޯޓުކޮށްފައިވާ ކަމަށާއި، އެހެންކަމުން އެފަދަ ހަމަލާތަކާ ބެހޭ ގޮތުން އެއްޗެކޭ ބުނުމުގެ ކުރިން އިތުރު މައުލޫމާތު ލިބެންދެން މަޑު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މިނިސޯޓާގެ ގަވަރުނަރު މާކް ޑޭޓަން ވަނީ މިސްކިތަށް ދިން ހަމަލާއަކީ ޓެރަރިސްޓު ހަމަލާއެއް ކަމަށާއި އެފްބީއައިއިން އެހަމަލާ ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެހަމަލާއާ ބެހޭ ގޮތުން ރައީސް ޓްރަމްޕް އެއްވެސް އެއްޗެކޭ ވިދާޅުވެފައި ނުވާތީ ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް (ކެއާ) އާއި އިތުރު ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސަށް ފާޑުކިޔާފައެވެ.
މިނިސޯޓާގެ ދާރުލް ފާރޫގް އިސްލާމިކް ސެންޓަރު ތެރެއަށް އައިޑީއެއް އުކައި، އޭތި ގޮއްވާލީ ހޮނިހިރު ދުވަހުގެ ފަތިސް ނަމާދަށް މީހުން މިސްކިތަށް ދިޔަ ގަޑީގައެވެ. އެހަމަލާގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް މިސްކިތުގެ ކުޑަދޮރުތައް ތަޅައިގެން ގޮސް، އިމާމުގެ އޮފީހަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. (ބީބީސީ)