ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވޭނެ ގޮތް ހަދައިދިނުމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ ފަރާތުން މަޖިލީހުގެ އަމީން އާންމުގެ ކިބައިން އެދިވަޑައިގެންފި އެވެ.

ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު އިއްޔެ އަމީން އާންމަށް ފޮނުއްވި ސިޓީގައި، ފާރިސް މައުމޫން، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ގާނޫނު އަސާސީއާއި ގާނޫނުތަކުން މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިހުންނަން ބޭނުންވާ ކަމަށާއި، އެހެން ކަމުން އެ މަސްއޫލިއްޔަތު އަދާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައިވެއެވެ.

އެގޮތުން މަޖިލީހުގެ ޖަލްސާއެއް ނުވަތަ ކޮމިޓީ ބައްދަލުވުމެއް ތާވަލުކޮށްފި ނަމަ އެކަމެއް ލަސްނުކޮށް އެންގުމަށާއި، އެ ޖަލްސާ ތަކަަށާއި ކޮމިޓީތަކަށް ހާޒިރުވެވޭނެ ގޮތް ފަހިކޮށްދިނުމަށް މައުމޫން ހަމީދު ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވެއެވެ.

އޭގެ އިތުރުން މަޖިލީހުގެ ކޮމިޓީ ތަކަށާއި ޖަލްސާތަކަށް އެޖެންޑާކުރެވިފައިވާ ކަންތައްތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ލިބޭނެ ގޮތް ހަމަޖައްސައިދިނުމާއި، މަޖިލީހަށް ހުށަހެޅިފައިވާ ކަންކަމާ ގުޅޭ ގޮތުން މަޖިލީހުގެ މެމްބަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައިވެއެވެ.

އެކަންކަމުގެ އިތުރަށް އެދިވަޑައިގެންފައިވަނީ، މަޖިލީހަށް ހުށަހެޅުއްވުމަށް ގަސްތުކުރައްވާ ބިލްތައް ޑްރާފްޓް ކުރުމުގައި މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެއްސައިދިނުމަށާއި، ދިއްގަރު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.

ފާރިސް މަޖިލީހަށް ހާޒިރު ކުރުމާ ގުޅޭ ގޮތުން ކަރެކްޝަން އިން މީގެ ކުރިން ބުނެފައިވަނީ، ބަންދުގައި ތިބޭ ރައްޔިތުންގެ މަޖިލީސް މެމްބަރުން މަޖިލީހަށް ހާޒިރު ކުރަން ނުޖެހޭ ކަމަށެވެ. އަދި 2013 ވަނަ އަހަރު ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) އާއި 13 ވަނަ މާއްދާގެ (ނ) އާއި 16 ވަނަ މާއްދާ ބާތިލުކޮށްފައިވާ ކަމަށާއި، އެހެން ކަމުން އެ މާއްދާތަކަށް އަމަލު ނުކުރާނެ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން މައުމޫން ހަމީދު ވިދާޅުވެފައިވަނީ، އެއްވެސް އިރެއްގައި ސުޕްރީމް ކޯޓުން އެ މާއްދާތައް ބާތިލްކޮށްފައިވާ ކަަމަށް ޖަދަލު ނުކުރާ ކަމަށެވެ. އަދި ފާރިސް މަޖިލީހަށް ހާޒިރު ކުރަންޖެހޭނެ ކަމަށް ވަކާލާތު ކުރަނީ އެގޮތަށް މަޖިލީހުގެ ގަވާއިދުގައިވާތީ ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.