09 Aug 2017, 09:12
ބެއިޖިން(އޮގަސްޓް 9): ޗައިނާގެ ހުޅަނގު ދެކުނުގައި އޮންނަ ސިޗުއާން ޕްރޮވިންސަށް 7.0 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އައިސް، އޭގެ ސަބަބުން 13 މީހަކު މަރުވެ ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެ އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި އެ ބިންހެލުން އައީ ކުޑަ އާބާދީއެއް އޮންނަ ސަރަހައްދަކަށެވެ. ނަމަވެސް ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރީ ފަތުރުވެރިންގެ މެދުގައި މަޝްހޫރު ސަރަހައްދަކަށް ވުމުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
އެބިންހެލުން އައީ ޗައިނާ ގަޑިން 21:20 ގައި، ސިޗުއާންގެ ވެރިރަށް ޗެންގްޑޫގެ 300 ކިލޯމީޓަރު އުތުރުން 10 ކިލޯމީޓަރު އަޑިއަށެވެ.
ބިންހެލުން އައި ސަރަހައްދުތަކުގައި ތިބި މީހުންނަށް އެހީ ފޯރުކޮށްދެމުންދާ ރެޑް ކްރޮސް ސޮސައިޓީ އޮފް ޗައިނާ އިން ބުނި ގޮތުގައި ބިންހެލުމުގެ ސަބަބުން މަރުވި މީހުންނާއި ލިބުނު ގެއްލުމުގެ އަގު މިވަގުތު ލަފާ ކުރުމަކީ އުނދަގޫ ކަމެކެވެ.
ނަމަވެސް ޗައިނާގެ ނެޝަނަލް ކޮމިޝަން ފޯ ޑިޒާސްޓާ ރިޑަކްޝަން އިން ލަފާ ކުރާ ގޮތުގައި އެބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 100 އަށް އަރައި، ގެއްލުން ލިބުނު ގެތަކުގައި އަދަދު 130،000ށް އެރުމަކީ އެކަށީގެންވާ ކަމެކެވެ.
ސިޗުއާން ޕްރޮވިންސަކީ ބިންހެލުންތައް އާއްމު ސަރަހައްދެކެވެ. އެގޮތުން 2008 ވަނަ އަހަރު އެސަރަހައްދަށް އައި ބިންހެލުމެއްގައި 70،000 މީހުން މަރުވި އެވެ. (ބީބީސީ)