ރާއްޖެއިން ބޭރަށް ވަޑައިގެން ފިއްލަވަން އުޅުއްވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

މުސްތަފާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ރައްޔިތުން ނުކުމެ ރައީސުލްޖުމްހޫރިއްޔާ ބޭރުކޮށް، ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލުތަކެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރުލިބޭގޮތަށް ވާހަކަދެއްކެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގަ އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު އަމުރުގައި ބުނެފައިވަނީ، މުސްތަފާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އޭނާ ފުރައިގެން ގޮސްފި ނަމަ އެ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ފެންނާތީ ކަމަށެވެ.

އެ އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ލިބިފައިވާ ހެއްކަކީ، ސަރުކާރު ވައްޓާލުމަށް ހިތްވަރުދީ މުސްތަފާ ވާހަކަ ދައްކާފައިވާ ވީޑިއޯ އާއި އޭނާ ދެއްކި ވާހަކަތަކުގެ ސްކްރިޕްޓެވެ.

ރާއްޖެ ދޫކޮށް މުސްތަފާ ފިލައިގެން ވަޑައިގަންނަވަން އުޅުއްވާ ކަމަށް ބެލެވޭ ހެއްކެއްގެ ގޮތުގައި އެ އަމުރުގައި ބަޔާން ކޮށްފައިވަނީ، ތަހްގީގު ކުރާ ފަރާތުގެ ރިޕޯޓެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އިއްޔެއިން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށެވެ.

އެ މައްސަލައިގެ ތަހުގީގަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި މުސްތަފާއަށް ޗިޓް ފޮނުވުމަށްފަހު އެ ޗިޓް ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.