09 Aug 2017, 08:35
ބޮލީވުޑްގެ ކާމިޔާބު އެކްޓްރެސް ކާޖޮލްއާ ކުޅަދާނަ ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރް އަކީ ވަރަށް ދުވަސްވީ ގާތް އެކުވެރިންނެވެ. އެހެން ނަމަވެސް މި އަހަރު ތެރޭގައި އެ އެކުވެރިކަން ވަނީ ނިމުމަކަށް އައިސްފައެވެ.
ކާޖޮލް އާއި ކަރަންގެ އެކުވެރިކަން ރުޅިވެރިކަމަށް ބަދަލުވެގެން ދިޔައީ ކަރަންގެ 'އޭ ދިލް ހެ މުޝްކިލް' އާއި ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަންގެ 'ޝިވާއޭ' އެއް ދުވަހެއްގައި ރިލީޒްކޮށް ވަރުގަދަ ކުރިމަތުލަމަކަށް ދާން ޖެހުނު ހިސާބުންނެވެ.
އެއަށްފަހު ކަރަން ވަނީ ކާޖޮލް އަށް ފާޑުކިޔައިފައެވެ. އަދި ކާޖޮލް ވެސް ވަނީ ކަރަން އާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނޫން ކަމަށް ބުނެފައެވެ.
އެހެން ނަމަވެސް ދެމީހުން ގުޅުން މިހާރު ރަނގަޅުވަމުން އަންނަ ކަމުގެ އިޝާރާތެއް މިވަނީ ލިބިފައެވެ. ދެމީހުންގެ ގުޅުން ރަނގަޅުވާން މެދުވެރިވީ ކަރަންގެ ދެ ކުދިން ކަމުގައިވާ ޔަޝް އާއި ރޫހީ އެވެ.
ކަރަން ވަނީ ފުރަތަމަ ފަހަރަށް އޭނާގެ އެއްމާބަނޑު ދެކުދިންގެ ފޮޓޯ އާންމުކޮށްފައެވެ. އިންސްޓަގްރާމް މެދުވެރިކޮށް ކަރަން އާންމު ކުރި ފޮޓޯއަށް ކާޖޮލް ވަނީ 'ލައިކް' ކޮށްފައެވެ.
އޭގެ ބަދަލުގައި ކަރަން ވަނީ އިންސްޓަގްރާމްގައި ކާޖޮލް ފޮލޯ ކޮށްފައެވެ. މިހާރު ދެމީހުން އިންސްޓަގްރާމްގައި އެކަކު އަނެކަކު ފޮލޯ ކުރެއެވެ. އަދި ކައިރި މުސްތަގުބަލެއްގައި ދެމީހުންގެ ގުޅުން އަލުން ބަދަހިވެގެން ދާނެ ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.