08 Aug 2017, 22:45
ކުޑަކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ގއ. އަތޮޅުގެ ރަށަކުން މީހަކު ހައްޔަރުކޮށްފި އެވެ.
ފުރާވަރު އުމުރުގެ އަންހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ފިރިހެނެކެވެ. އެ އަންހެން ކުއްޖާގެ އާއިލާއިން "ސަން"އާ ވަނީ ވާހަކަ ދައްކާފަ އެވެ. އެ އާއިލާއިން ބުނީ ކުޑަކުއްޖަކާ ބެހިގެން އެ މީހާ ހައްޔަރު ކުރީ "ކުށުގެ ވެށިން" ކަމަށެވެ.
އެ ކުއްޖާ ނިސްބަތްވާ ރަށް މި ޚަބަރުގައި ހާމަ ނުކުރަނީ އެ ކުއްޖާއަކީ ކާކުކަން އެނގިދާނެތީ އެވެ. އަދި އެ ކުއްޖާއާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ވަނަވަރު ހާމަކުރެވެން ނެތީ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުންނެވެ.
ކުޑަކުއްޖާގެ އާއިލާއިން ބުނީ އެ މީހާ ހައްޔަރު ކުރި ނަމަވެސް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކޮށްފައި ނުވާ ކަމަށާއި، ހައްޔަރު ކުރި މީހާގެ ބަޔާން ނެގުމަށްފަހު ދޫކޮށްލުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަަމަށް އެ އާއިލާއިން ތުހުމަތު ކުރި އެވެ.
އާއިލާއިން ވަނީ އެ މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ފަނޑިޔާރެއްގެ ކުރި މައްޗަށް ނުގެންދާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެ މީހާ ދޫކޮށްނުލުމަށް އެދި އެ ކުޑަކުއްޖާގެ މަންމަ އާއި ބައްޕަ އެ ރަށުގެ ފުލުހުންގެ ސްޓޭޝަނަށް ގޮސް އާދޭސްކޮށްފައިވާ ކަމަށް އެ އާއިލާއިން ބުނެ އެވެ.
ކުޑަކުއްޖާގެ އާއިލާއިން މައުލޫމާތު ދިން މީހާ ބުނީ، ހައްޔަރު ކުރި މީހާ އަކީ ކުށުގެ ރިކޯޑު ވެސް އޮންނަ މީހެއް ކަމަށެެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މީހާ ހައްޔަރުކޮށްފައި ވަނި ރޭ ދަންވަރު 1:45ގައި ކަމަށާއި އެކަމާ ގުޅިގެން މިވަގުތު އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ގއ. އަތޮޅު ގެމަނަފުށިން ކުޑަކުއްޖަކާ ބެހުނު މީހަކު ކުށުގެ ވެށިން ހައްޔަރު ކުރި އެވެ. އެ މީހާގެ މައްޗަށް ދައުވާކޮށް ކުރިިމިނަލް ކޯޓުގައި ޝަރީއަތް ވެސް ދަނީ ހިނގަމުންނެވެ.