08 Aug 2017, 21:35
ރިލްވާންގެ ހަނދާނުގައި މިއަދު ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މަޖިލިސް މެމްބަރުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ޖުމްލަ ނުވަ މީހަކު ގެންގޮސްފައިވާއިރު އެ މީހުންގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި މެދހެންވޭރު ދާއިރާގެ އަލީ އާޒިމް ހިމެނިވަޑައިގަންނަވަ އެވެ.
އަލީ އާޒިމް 'ސަން' އަށް ވިދާޅުވީ، ފުލުހަށް ގެންދިއުމަށްފަހު ބަޔާނެއް ނަގާފައި މިރޭ 08:45 ހާއިރު ދޫކޮށްލި ކަމަށެވެ. އޭނާގެ އިތުރުން މަހުލޫފު ވެސް ދޫކޮށްލާފައިވާ ކަމަށާއި، ދެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ވެސް ދޫކުރަމުން ދާ ކަަމަށެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އެކަން ބަލަމުންދާ ކަމަށެވެ. އެހެން ނަމަވެސް ފުލުހަށް ގެންދިޔަ މީހުން ދޫކޮށްލި ކަމަކަށް އަދި ނުބުނެ އެވެ.
މިއަދު ބޭއްވި އެއްވުން ފުލުހުން ރޫޅާލާފައި ވަނީ، އެ އެއްވުމަކީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް ބޭއްވި އެއްވުމެއް ކަމަށް ބުނެ އެވެ.
އެ އެއްވުން ފުލުހުން ރޫޅާލި ވަގުތު، އެއްވުމުގެ ބައިވެރިން ޝުއޫރުފާޅު ކުރަން ގެންގުޅުނު ޕޯސްޓަރުތަކާއި ބެނާތައް ފުލުހުން ވަނީ އަތުލާފަ އެވެ. އަދި އެއްވުން ރޫޅާމުގައި ޕެޕާ ސްޕްރޭ ވެސް ބޭނުންކޮށްފައިވެ އެވެ.