ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އޭޝިއާ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް (އެޗްއާރްޑީ) އެވޯޑްސް 2017ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންފި އެވެ.

މެލޭޝިއާގެ ޕުޓްރަޖަޔާގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީންގެ ފަރާތުން އެ އެވޯޑާ ހަވާލުވެ ވަޑައިގަތީ ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފަހުމީ ހަސަނެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޔާމީނަށް އެ އެވޯޑް ލިބިވަޑައިގަތީ ރާއްޖޭގެ ތަރައްގީއާއި ރައްޔިތުންގެ ތަރައްގީ އަދި އެޗްއާރުޑީ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ކެނޑިނޭޅި ދެއްވާ ހިތްވަރާއި އެއްބާރުލެއްވުމުން ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ ފަދަ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެއް ލިބިވަޑައިގަންނަވަނީ ރައްޔިތުންގެ ތަރައްގީއަށް މަގުފަހިވާ ފަދަ މުހިއްމު ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ ވީޑިއޯ މެދުވެރިކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސްގެ ވާހަކަފުޅުގައި އެ އެވޯޑު ގަބޫލުފުޅު ކުރެއްވީ ދިވެހިންގެ ފަރާތުން ކަމަށާއި އެ އެވޯޑަކީ ހުރިހާ ދިވެހިންނަށް ލިބުނު ކާމިޔާބެއް ކަމަށް ވިދާޅުވި އެވެ. އަދި އެ އެވޯޑަކީ ކުރިމަގުގައި ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ބިނާކުރަނިވި ބަދަލުތައް ގެނައުމަށް މަސައްކަތްކުރުމުގައި ރައްޔިތުންނަށް ލިބިގެންދިޔަ ހިތްވަރެއްކަމަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ގައުމީ އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރު އެންމެ މަތީގައިވާ ގައުމު ކަމަށް ވިދާޅުވި އެވެ. އެގޮތުން މީގެ 50 އަހަރު ކުރިން ގައުމީ އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރަކީ 200 ޑޮލަރު ކަމަށާއި، އެހެން ނަމަވެސް މިއަދު އެ އަދަދު 8000 ޑޮލަރަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެކަމަކީ ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. އަދި އެ މަޝްރޫއުތައް ނިމުމުން 90،000 ވަޒީފާގެ ފުރުުސަތު އުފެދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން އުފެއްދުންތެރިކަން ބޮލަކަށް ޖެހޭ މިންވަރު މި ފަސް އަހަރު ދުވަހުގެ ތެރޭގައި ދެ ގުނައަށް އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.