ސައުދީ އަރަބިއްޔާއިންނާއި އިންޑިޔާއިން 19 ހާފިޒުން ރަމަޟާން މަހު މާލެއާއި ރައްރަށުގައި އިމާމުވެ ތަރާވީސް ނަމާދު ކުރެއްވުމަށް މާލެ ގެންނަ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެމިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ ރާއްޖެ ވަޑައިގެންނަވާ ހާފިޒުންނަކީ އިންޑިޔާ އިން ގެންނަ 16 ހާފިޒުންނާއި ސައުދީ އަރަބިއްޔާއިން ގެންނަ ތިން ހާފިޒުން ކަމަށެވެ. އަދި ހާފިޒުންގެ ތެރެއިން އެއް ބޭފުޅަކު އިމާވުމެ ތަރާސްވީސް ކުރައްވަނީ މާލޭގައި ކަމަށާއި އަނެއް 18 ބޭފުޅުން ތަރާވީސް ކުރައްވާނީ އަތޮޅުތަކުގެ ރަށްރަށުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެބޭފުޅުންގެ ހަރަދުތައް ބަލަހައްޓާނީ މިނިސްޓްރީން އެބޭފުޅުން ފޮނުވުމަށް ހަމަޖައްސާފައިވާ ރަށްރަށުންނެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި އެއީ ކޮން ރަށްރަށެއް ކަމައްވެސް އޭނާ ވިދާޅެއް ނުވެ އެވެ.

"އެބޭފުޅުން މައިގަނޑު ގޮތެއްގައި އެރަށްރަށުގައި އިމާމުވެ ތަރާވީސް ނަމާދު ކުރެއްވުމަށް ވަނީ ހަމަޖެހިފައި،" އަހްމަދުﷲ ވިދާޅުވި އެވެ.

އަހްމަދުﷲ ވިދާޅުވީ ސައުދީ ވަޑައިގެންނަވާ ތިން ބޭފުޅުންގެ ރާއްޖެ ގެނައުމުގެ ހަރަދުތައް ކުރާނީ ސައުދީ ސަރުކާރުން ކަމަށެވެ. ނަމަވެސް އިންޑިޔާ އިން އަންނަ ބޭފުޅުންގެ ޓިކެޓް ހަރަދު ހަމަޖައްސާފައިވާ ފަރާތެއް ވިދާޅެއް ނުވެ އެވެ.

މީގެއިތުރުން މިއަހަރުގެ ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ އެހެން އަހަރުތަކާ ތަފާތުކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެގޮތުން ކޮންމެ ރެއަކުވެސް ރާއްޖޭގައި ތިބި ދީނީ އިލްމުވެރިންގެ ތެރެއިން ބޭފުޅަކާއި ދުނިޔެވީ އިލްމީ ބޭފުޅަކު ވާހަކަދައްކަވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.