18 May 2010, 14:56
19:00
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިޔާމަތްކުރުމާ ބެހޭ ޤަވާއިދު ގެޒެޓުގައި ޝާއިއުކުރުމުގެ ކުރިން ބައެއް ކަހަލަ އިސްލާހުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމަވާފައި ވަނީ މިއަދު އޮތް އެ މަޖިލީހުގެ ޖަލްސާގައި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ގަވާއިދާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށްފަހު އެވެ. މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލައްވާފައިމިވާ ގަވާއިދާ ބެހޭގޮތުން މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެއްވުމުގެ ކުރިން ބައްލަވާލައްވަންޖެހޭ ބައެއް ކަންކަން އެބަހުރިކަމާއި، ތަފާތު ކުދި އިސްލާހުތަކެއް ގެންނަވަން އެބަހުރިކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެގަވާއިދާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހު، ފާހަގަކުރެއްވި އެ އިސްލާހުތައް އެޓަރނީ ޖެނެރަލް އެގަވާއިދަށް ގެންނެވުމަށާއި، އެ އިސްލާހުތައް ގެންނެވުމުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެގަވާއިދު އަލުން ބެއްލެވުމަށްފަހު، ގެޒެޓުގައި ޝާއިޢު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވަނީ ނިންމަވައިފަ އެވެ.